ކުރިން އޮތްގޮތަށް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ސުމެއްގައި ނުހިފެއްޓޭނެކަމަށް ނިޔު ޒީލޭންޑުން ބުނެފިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ ޤައުމުތަކުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދިޔަ ނަމަވެސް ނިޔު ޒީލެންޑުންވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ބަލިމަޑުކަން އެ ޤައުމުން ނައްތާލައިފައެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަދު ޢަދަދެއްގެ ބަޔަކަށް ކޯވިޑް-19 ޖެހުނު ނަމަވެސް އެ ޤައުމުގައި ބަލިމަޑުކަން ފެތުރިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށުމުން އެ ޤައުމުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. އެއާއެކު އެ ޤައުމުގައި ފުރަބަނދުގެ އުޞޫލުތަކެއްވަނީ އިޢުލާންކޮށްފައެވެ.
ނިޔު ޒީލޭންޑުގެ ޤައުމީ ރޭޑިޔޯގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ޢާއްމު ޞިއްޙަތާބެހޭ އެންމެ އިސްވެރިޔާ އޭޝްލީ ބުލޫމުފީލްޑު ވިދާޅުވީ ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ކުރިން އޮތްގޮތަށް ސުމެއްގައި ނުހިފެއްޓޭނެކަން ޤަބޫލުކުރަންޖެހޭކަމަށާއި މުޖުތަމަޢުގެ ތެރޭގައި ބަލިފެތުރުން ހުއްޓުވުމަށް އިސްކަމެއް ދޭންޖެހޭކަމަށެވެ. އެ ގޮތުން ބަލިޖެހޭ މީހުން އަވަހަށް ތަޙްލީލުކޮށް އެކަހެރިކުރުން މުޙިއްމުކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އޭނާވަނީ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމުގެ މުޙިއްމުކަމާމެދުވެސް ވާހަކަދައްކަވައިފައެވެ.
5.1 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ނިޔު ޒީލޭންޑުގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވަނީ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ މީހުންނެވެ. އެ ޤައުމުގައި ބަލިޖެހިފައިވަނީ 4,119 މީހުންނަށެވެ. އަދި ބަލިމަޑުކަމުގައި މަރުވެފައިވަނީ 27 މީހުންނެވެ.