ޚަބަރު

ޢާއްމު މަޖިލީހުގައި ތަޤްރީރުކުރަން ޠާލިބާނުން އެދިއްޖެ


އެމެރިކާގެ ނިޔު ޔޯކް ސިޓީގައި ހުންނަ އދގެ މައި މަރުކަރުގައި ކުރިޔަށްދާ ޢާއްމު މަޖިލީހުގެ ޖަލްސާގައި ތަޤްރީރުކުރުމަށް އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުން އެދިއްޖެއެވެ.

އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝަށް ޠާލިބާނުން ފޮނުވި ސިޓީއެއްގައި ޢާއްމު މަޖިލީހުގެ ޖަލްސާގައި ތަޤްރީރުކުރުމުގެ އިތުރުން އަފްޣާނިސްތާނުން އދއަށް ކަނޑައަޅައި ސަފީރުގެ މަޤާމަށް އެ ޖަމާޢަތުގެ ތަރުޖަމާން ސުހައިލް ޝާހީން ހަމަޖެއްސުމަށްވެސް އެދިފައިވެއެވެ. އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަޤީ ފޮނުއްވި ސިޓީގައި ބުނެފައިވަނީ ދުނިޔޭގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައި ޖަލްސާގައި އެ ބޭފުޅުންނާ މުޙާޠަބުކޮށް ޠާލިބާނުން ވާހަކަދައްކަން ބޭނުންވާކަމަށެވެ.

އދގެ ސެކެޓުރީ ޖެނެރަލުގެ އިދާރާއިންވަނީ ޠާލިބާނުންގެ ސިޓީއެއް ލިބުނުކަން ކަށަވަރުކޮށްދީފައެވެ. އދގައި އަފްޣާނިސްތާން ތަމުޞީލުކުރަނީ އެ ޤައުމުގެ ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ ސަފީރުކަމަށްވާ ޤުލާމު އިސްޙާޤުޒާއީއެވެ. އެހެންކަމުން އދއަށް ކަނޑައަޅާފައިވާ ސަފީރު ބަދަލުކުރުމުގައި ޠާލިބާނުންނަށް ދަތިތަކަކާ ކުރިމަތިލާންޖެހޭނެކަމަށް ބެލެވެއެވެ.

އދގެ ސެކެޓުރީ ޖެނެރަލުގެ އިދާރާއިން ބުނެފައިވަނީ އަފްޣާނިސްތާނުގެ ސަފީރު ބަދަލުކުރުމުގެ މައްސަލަ މެންބަރު ނުވަ ޤައުމުގެ މައްޗަށް އެކުލެވޭ ކޮމިޓީއަކަށް ފޮނުވައިފައިވާކަމަށެވެ. އެ ކޮމިޓީގައި އެމެރިކާއާއި ރަޝިޔާއާއި ޗައިނާ ހިމެނެއެވެ. ނަމަވެސް ޢާއްމު މަޖިލީހުގެ ޖަލްސާ ނިމުމުގެ ކުރިން އެ ކޮމިޓީން ވަކި ގޮތެއް ނިންމާނެކަމަކަށް ނުބެލެވެއެވެ. އެހެންކަމުން ޢާއްމު މަޖިލީހުގެ ޖަލްސާގައި ތަޤްރީރުކުރުމުގެ ފުރުޞަތު ޠާލިބާނުންނަށް ނުލިބުން އެކަށީގެންވެއެވެ. ޠާލިބާނުން ބޭނުންވާގޮތަށް އަފްޣާނިސްތާނުން އދއަށް ކަނޑައަޅައި ސަފީރު ބަދަލުކުރުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެ ޖަމާޢަތް ބަލައިގަތުމަށް ކުރަމުންދާ މަސައްކަތަށް ލިބެނޭ ކުރިއެރުމެކެވެ.