ޚަބަރު

ޤައުމީ ތަރައްޤީއާއި އިޤްތިޞާދާ ގުޅުން ހުރި ދާއިރާތަކަށް ސެކްޓަރ ކައުންސިލްތަކެއް


ޤައުމީ ތަރައްޤީއާއި އިޤްތިޞާދަށް ގުޅުން ހުރި 6 ދާއިރާއަކުން އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކެއް އެކުލަވާލައިފިއެވެ.

މަތީ ތަޢުލީމާއި ތަމްރީންގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކުލަވާލަންޖެހޭ މި ކައުންސިލް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ހަސަންއެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ހުނަރުވެރި ދިވެހިން ނެރުމަށް ބޭނުންވާނެ ދާއިރާތައް ފާހަގަކުރުމާއި ވަޒީފާއަށް އަންނަ ބަދަލުތައް ދެނެގަތުމަކީ ރާއްޖޭގެ އިޤްތިޞާދުގައި ދިވެހިން ބައިވެރިކުރުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ ނުވަތަ ޢާމްދަނީ ލިބޭ މަސައްކަތްތައް ކަށަވަރުކުރުމާއި އެ ވަޒީފާތަކުގައި ކުރިއަށްދިއުމަށް ތަމްރީން ދިނުމަކީ ބޭނުންތެރިކަމެއްކަމަށްވެސް މިނިސްޓްރީން ފާހަގަކުރައްވައެވެ. މިއަމާޒަށް ވާޞިލްވުމަށްޓަކައި މަތީ ތާއުލީމްއާއި ތަމްރީންގެ ޤާނޫނުގެ ދަށުން ވަނީ 6 ދާއިރާއަކުން މަސައްކަތްކުރާނެ ކައުސިލެއް އެކުލަވާލާފައެވެ.

"އެމްޕްލޯއިންމަންޓް ސެކްޓަރ ކައުންސިލް" ގެ ނަމުގައި އެކުލަވާލާފައިވާ ކައުންސިލްގެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާއާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރުކަމުގެ ދާއިރާއެވެ. އަދި އައިސީޓީ ދާއިރާގެ އިތުރުން ސޯޝަލް ދާއިރާގެ މަސައްކަތްތައްވެސް ވަނީ ހިމަނާފައެވެ. މި ކައުންސިލްތަކަށް އައްޔަންކޮށްފައިވާ މެމްބަރުންނަކީ އެ ދާއިރާތަކަކުން ތަޖުރިބާ ހުރި ބޭފުޅުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ކައުންސިލް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ އިސްކަމެއްދިން އެއްކަމަކީ ފަންނީ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރަން ފެށުންކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކާއި ސަރުކާރުގެ އޮފީސްތަކަށް މީހުން ބިނާކުރުމަށް ބޭނުންވާ ދާއިރާތައް ދެނެގަނެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މީހުން ބޭނުންވާ ދާއިރާތައް ހޯދުމަށްކަމަށެވެ.

" ލޯން ސްކީމްއި، ސްކޮލަރޝިޕްތަކާއި ރަޙްމަތްތެރިޤައުމުތަކުން ދޭ އެހީތަކުން މީހުން ބިނާކުރުމަށް ބޭނުންވާ ދާއިރާއަށް އިސްކާން ދިގެ ކުރިއަށް ގެންދެވޭނެ. މީގެ އިތުރުން އެކި އެކި ސިނާއަތްތަކަށް ބޭނުންވާ ފަންނީ ހުނަރުވެރިންގރ މަސައްކަތްތައްވެސް ބައްޓަންކޮށްގެން ކުރިއަށްގެންދެވޭނެ."މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވިއެވެ.

އެމްޕްލޯއިންމަންތް ސެކްޓަރ ކައުންސިލްތަކުގެ ޒިންމާތަކުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ފަންނީ ލަފާދެއްވުމާއި ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒް ކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އޭގެ ތެރޭގައި މިހާރު އެކުލަވާލާފައިވާ ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓްގެ މާސްޓަރ ޕްލޭން ތަންފީޒް ކުރުމުގައި ކައުންސިލްތައް ފުޅާ ދާއިރާއެއްގައި ބައިވެރިވުން ފަދަ ކަންކަން ހިމެނެއެވެ.