ކުޅިވަރު

ލީގު ކަޕްގައި ނޯވިޗްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދައިފި


އިނގިރޭސި ލީގު ކަޕްގައި ރޭ ނޯވިޗް ސިޓީ ބަލިކޮށް ލިވަޕޫލުން ލީގު ކަޕްގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފިއެވެ. މިމެޗް ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ.

މިމެޗަށް ލިވަޕޫލް ނިކުމެފައިވަނީ ޓީމަށް ވަރަށް ބޮޑު ބަދަލްތަކެއް ގެނެސްގެންނެވެ. އެއީ އާންމުކޮށް އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިން ނުލައެވެ. މެޗްގެ ވަރަށް ކުރީކޮޅުގައި ލިވަޕޫލުން ވަނީ ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނޯވިޗް ސިޓީއަށް މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. ކްރިސްޓޯސް ޒޯލިސް ފޮނުވާލި ޕެނަލްޓީ ވަނީ ލިވަޕޫލްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗްގެ 50ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ލަނޑެއްޖަހައި މެޗެގެ ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިވޮކް އޮރީގީއެވެ. މެޗްގައި ލިވަޕޫލުން ދެ ގޯލްގެ ލީޑެއްގައި އޮވެގެން ކުޅުނު ނަމަވެސް، ނޯވިޗް ސިޓީއިންވެސް ލަނޑު ޖެހުމަށް މަދު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމަށް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗުގެ 80ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ މެޗްގައި އެޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިލަނޑު އޭޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ފުރަތަމަ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯއެވެ.

ލީގު ކަޕްގެ އެހެން ނަތީޖާތަކަށް ބަލާއިރު، އެވަޓަން ވަނީ ޕެނަލްޓީ ޖަހައިގެން 8-7 އިން ކުއީންސްޕާކް ރޭންޖާސް (ކިއުޕީއާރް) އަތުން ކަޓައިފައެވެ. ވަޓްފޯޑް އަތުން 3-1 އިން ސްޓޯކް ސިޓީ މޮޅުވިއިރު، ބާންލީ ވަނީ 4-1 އިން ރޮޗްޑޭލް ބަލިކޮށްފައެވެ. ލީޑްސް ޔުނައިޓެޑާއި ފުލަމް ރޭ ކުޅުނު މެޗުން ލީޑްސް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ލީޑްސް އިން ފުލަމް ބަލިކުރީ 6-5 އިންނެވެ. އަދި ސައުތެމްޓަނުން ޝެފީލްޑްގެ މައްޗަށް ކުރިހޯދީ 4-2 އިންނެވެ.