މުނިފޫހިފިލުވުން

ހޮލީވުޑުން އަހަރެން އަދިވެސް ބަލައެއްނުގަނޭ - ޖެނިފާ ލޮޕޭޒް


ލެޓިން އަންހެނުން ލީޑަރުންގެ ގޮތުގައި ފެނުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަދައްކާ ވީޑިއޯއެއް ހޮލީވުޑް މަޝްހޫރުތަރި ޖެނިފާ ލޮޕޭޒް ދާދިފަހުން ވަނީ އޭނާގެ ޖޭލޯ ބިއުޓީ އިންސްޓަގްރާމް ޕޭޖްގައި އާންމުކޮށްފައެވެ.

މި ވީޑިއޯ ނިންމާލަމުން ޖެނިފާ ބުނީ އޭނާ ކުޅުނު ފިލްމުތަކުގެ އަދަދު 30 ހާ ގާތްކުރާއިރު ހޮލީވުޑުން އަދިވެސް އެނާ ބަލައިގެންފައިނުވާކަމަށެވެ. އަދިވެސް އޭނާއަކީ އިންޑަސްޓްރީން ބޭރު މީހެއްގެ ގޮތުގައި ދެކޭކަމުގެ އިހްސާސްވާކަމުގައި ޖެނިފާ ބުނެއެވެ.

ޖެނިފާ ބުނީ އަމިއްލަ ނަފްސު ޤަބޫލުކުރުމުން ކޮންމެ މީހަކަށްވެސް ވަރަށް ބޮޑެތި ކާމިޔާބީތައް ލިބިގެންދާނެކަންކަމަށް އެނާ ޤަބޫލުކުރާކަމަށެވެ. އަދި މިހާރު ހުރި ހިސާބަށް އައުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރިކަމަށާއި އެންމެ ރަގަޅު އަދި ކާމިޔާބު ގޮތަކީ އަމިއްލަ މީހާދެކެ ލޯބިވުންކަމުގައިވެސް ޖެނިފާވަނީ ބުނެފައެވެ.

ޖެނިފާ ބުނީ އެނާގެ ޖޭލޯ ބިއުޓީ އުފެދުނީ އެކަމާއި ވިސްނަމުންދާތާ 20 އަހަރު ފަހުންކަމަށްވެސް ޖެނިފާވަނީ ބުނެފައެވެ.

1995 ވަނަ އަހަރު ދެއްކި ފިލްމު "މައި ފެމިލީ" އިން ހޮލީވުޑަށް ތަޢާރަފްވި ތަރި ޖޭލޯ ވަނީ "މަނީ ޓްރެއިން" ، "ދަ ސެލް" ، "ދަ ވެޑިންގ ސިންގަރ" އަދި "މެއިޑް އިން މެންހެޓަން" ފަދަ ބްލޮކް ބާސްޓަރ ފިލްމުތަކުން ފެނިފައެވެ. އޭގެފަހުން އޭނާ ވަނީ "އެލް ކަންޓަންޓޭ" ، "ސެކަންޑް އެކްޓް" އަދި "ހަސްލާރސް" ފަދަ ޖޭލޯގެ އަމިއްލަ ފިލްމުތައް ޕްރޮޑިއުސްވެސްކޮށްފައެވެ.