ޚަބަރު

އިންކަމް ޓެކްސް ދައްކަން ޖެހޭ ގިނަ ފަރާތްތަކުން ސުންގަޑި ހަމަވިއިރުވެސް ބަޔާން ހުށަނާޅާ: މީރާ


އިންކަމް ޓެކްސް ދައްކަން ޖެހޭ ގިނަ ފަރާތްތަކުން ސުންގަޑި ހަމަވިއިރުވެސް ޓެކްސް ބަޔާން ހުށަހަޅާފައި ނުވާކަމަށް މިރާއިން ވިދާޅުވެއެވެ.

މިކަން ހާމަކޮށް މީރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ޢާމްދަނީން ޓެކްސް ދައްކަންޖެހޭ ގިނަ ފަރާތްތަކުން، މިދިޔަ މަހުގެ 31އަށް ހަމަވާ ސުންގަޑި ހަމަވިއިރުވެސް ޓެކްސް ބަޔާން ހުށަހަޅާފައި ނުވާ ކަމަށެވެ. މިގޮތުން ފަރުދުންގެ ތެރެއިން ބަޔާން ހުށަހަޅައިފައިނުވާ ފަރާތްތަކުގެ ތެރޭގައި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ ފަރާތްތަކާއި ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ލިބޭ ގިނަ ފަރާތްތަށް ހިމެނޭ ކަމަށް މިރާއިން ވިދާޅުވެއެވެ. އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައި ވިނަމަވެސް، ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވީހާވެސް އަވަހަށް ބަޔާން ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރައްވައެވެ. އަދި ބަޔާން ފުރިހަމަ ކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މީރާގެ އެހީތެރިކަން ލިބޭނެ ކަމަށް މީރާއިން ވިދާޅުވެއެވެ.

ފަރުދަކަށް އެއްބާވަތަށްވުރެ ގިނަ ބާވަތުގެ ޢާމްދަނީ ލިބިފައިވާނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ ޢާމްދަނީ ހިސާބުކުރާނީ ލިބިފައިވާ ހުރިހައި އާމްދަނީއެއް ހިމެނޭ ގޮތުންނެވެ. މީގެ ތެރޭގައި ފަރުދަކަށް ލިބިފައިވާ އުޖޫރަ، ވިޔަފާރި ޢާމްދަނީ، ކޮންސަލްޓެންސީ ނުވަތަ ޓެކްނިކަލް ސަރވިސް ފީ، ކޮމިޝަން، ކުލި އަދި ހަދިޔާގެ ގޮތުގައި ލިބޭ އާމްދަނީ ހިމެނެއެވެ. އެހެންނަމަވެސް، އުޖޫރައިން ޓެކްސް ނަގަން ފަށާފައިވަނީ މިދިޔަ އަހަރު އެޕްރީލް 1އިން ފެށިގެން ކަމަށްވާތީ، މިދިޔަ އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ހިމަނާނީ މި ތާރީޙުން ފެށިގެން ލިބިފައިވާ އިސްތިސްނާ އާމްދަނީ ނުހިމަނައި ލިބިފައިވާ އާމްދަނީއަށް ކަމަށް މީރާއިން ވިދާޅުވިއެވެ.

ފަރުދުންގެ ތެރެއިން 2020ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނީ މިދިޔަ އަހަރު އެފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ ޢާމްދަނީ 720,000 ރުފިޔާއަށްވުރެ އިތުރުވާނަމައެވެ. އެހެންނަމަވެސް، އެފަރާތަށް ލިބިފައިވާ ޖުމުލަ ޢާމްދަނީއަކީ ހަމައެކަނި އުޖޫރަދޭ އެންމެ ފަރާތަކުން ލިބިފައިވާ ޢާމްދަނީ ކަމުގައިވާނަމަ ބަޔާން ހުށަހަޅުން ލާޒިމެއް ނޫނެނެވެ.

ކޯވިޑް-19އާ ގުޅިގެން ދިމާވެފައިވާ ޙާލަތުގެ ސަބަބުން، މީރާއިން ވަނީ 2020ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 31 އޮގަސްޓަށް ފަސްކޮށްދީފައެވެ. އަދި، 2021ވަނަ އަހަރަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ފައިސާ ދެއްކުމުގެ ސުންގަޑިވަނީ މިމަހުގެ ނިޔަލަށް ފަސްކޮށްދީފައެވެ. މީގެ ކުރިން ފުރަތަމަ ބަޔާން ހުށަހަޅަން ޖެހެނީ 31 ޖުލައިގެ ކުރީންނެވެ.

މީރާއަށް ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭ ގިނަ ފަރާތްތަކުން ބަޔާން ހުށަހަޅާފައި ނުވާއިރު، މީރާއަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން ޓެކްސް ދައްކަން ޖެހޭކަން މީރާގެ ވެބްސައިޓު މެދުވެރިކޮށް ބަލައިލެވޭނެއެވެ. އަދި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ޓެކްސް ބަޔާން ހުށަހެޅުން ލާޒިމްވެއެވެ.

މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް އަބަދުވެސް ލުއިގޮތްތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރާ ކަމަށް މިރާއިން ވިދާޅުވެވެ. އެގޮތުން ޓެކްސް އަދި ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭކަން މީރާއިން ފާހަގަ ކުރެއެވެ. މިގޮތުން މީގެ ޓެކުހުގެ ޖޫރިމަނާ މާފުކޮށްދިނުމާއި، ޓެކްސް ދައްކަންޖެހޭ މިންވަރު އިންސްޓޯލްމެންޓަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމް މީގެ ކުރީން މީރާއިން ވަނީ ހަމަޖައްސައިދޭން ފަށާފައެވެ.