ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޕޯޗުގަލްގެ ރައީސާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕޯޗުގަލްގެ ރައީސް، މާސެލޯ ރެބެލޯ ޑިސޯޒާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު އދ.ގެ މައި އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތާ ބެހޭގޮތުންނާއި، މިބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ކާމިޔާބު ފިޔަވަޅުތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އޭގެ ތެރޭގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ވެކްސިންދެވޭ މުޅި އާބާދީއަށް ވީހާ އަވަހަކަށް ވެކްސިން ފޯރުކޮށްދީ ނިންމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ރާއްޖޭގައި މަދުވަމުން އަންނަކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހުރިއްޔާ ވަނީ އެކަމާ ގުޅިގެން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ފަތުރުވެރިންނަށް ލުއިތައް ދީފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ޕޯޗުގަލްގެ ރައީސް ވަނީ އެޤައުމުގެ އާބާދީގެ %95އަށް ވެކްސިން ދީފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަނުގެ ރިޔާސަތު ކާމިޔާބުކޮށްފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ، ކޯވިޑް-19 ޕެންޑަމިކަށްފަހު އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ދުނިޔޭގެ ޤައުމުތައް އާރާސްތުކުރުމަށް ކުރިޔަށްދާ މަސައްކަތުގައި އދ.ގެ ރިޔާސަތުގެ ހިއްސާ ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ޕޯޗްގަލްގެ ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތައް މިހާރު ތިއަރީތަކުން ފެންނަށްހުރި ހަޤީޤަތްތަކަށްވުރެ ފުޅާވެ އިންފަހަނައަޅާ ގޮސްފައިވާކަމުގައެވެ. އަދި ޕޯޗްގަލްއާއި ދިވެހިރާއްޖެއަކީވެސް ކަނޑާގުޅިފައިވާ ދެ ޤައުމުކަމުގައިވާތީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރަނގަޅު އަސަރުތައް ދެ ޤައުމަށްވެސް ފޯރާކަން ޕޯޗްގަލްގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޕޯޗްގަލްގެ ރައީސް ވަނީ ޕޯޗްގަލްއާއި ކެންޔާ ގުޅިގެން އަންނަ އަހަރު ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި އިންތިޒާމުކޮށް ބާއްވާ އޯޝަންސް ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގެންނެވުމަށާއި، އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްލާސްޓިކް ކުނިބުނިން ކަނޑުތައް ސަލާމަތްކޮށް ކަނޑުގެ ދިރުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އޯޝަންސް ކޮންފަރެންސަކީ އުފެއްދުންތެރި ޙައްލުތަކެއް ހޯދުމަށް މަގުފަހިކޮށްދޭނެ ކޮންފަރެންސަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ އިޤްތިޞާދީ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އެގޮތުން ޕޯޗުގަލްގެ ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރެއިން ޑިޖިޓަލައިޒޭޝަންގެ ދާއިރާއަށް އިޝާރާތްކުރައްވައި، މި 2021 ވަނަ އަހަރު "ވެބް ސަމިޓް"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓެކްނޮލޮޖީ ކޮންފަރެންސްއަކީ ރާއްޖެއިން ޝައުވެރިވާނަމަ ބައިވެރިވުން މުހިންމު ކޮންފަރެންސެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދޭތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް ދެ ބޭފުޅުންވެސް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި، ޕޯޗުގަލްއާއި ޔޫރަޕުގެ އިއްތިހާދަށްވެސް ފައިދާ ކުރަނިވި އިންވެސްޓްމެންޓް ފުރުޞަތުތައް ފަހިކުރެއްވުމާ ބެހޭ ގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. ހަމަ އެހެންމެ ދެ ބޭފުޅުން ވަނީ ނޫ އިޤްތިޞާދު ފަދަ، ދެ ޤައުމުން ޝައުވެރިކަން ބޮޑު ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިޔަށްއޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން މަތީ ހަރުފަތްތަކަށް ގެންދިއުމުގެ އުންމީދުތައް އައު ކުރައްވަމުންނެވެ.

ދިވެހިރާއްޖެއާއި ޕޯޗުގަލްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ މީގެ 26 އަހަރު ކުރިން، 1995 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 9ވަނަ ދުވަހުއެވެ.