ޚަބަރު

ޤައުމީ ދުވަހަށް މުޅި އުތީމު ތައްޔާރުވެފައި


މި އަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ހއ. އުތީމުގައި ފާހަގަކުރުމަށް މުޅި އުތީމު އޮތީ  ތައްޔާރުވެފައެވެ. ރަށުގެ ހުރިހާ ރައްޔިތުންވެސް މަސައްކަތް ކުރަމުންދަނީ، މި އަހަރުގެ ޤައުމީ ދުވަސް ހުރިހާ ގޮތަކުން ޚާއްސަކުރުމަށެވެ.ހއ. އުތީމަކީ، ގައުމީ ދުވަސް އެ ބަތަލަކަށްޓަކާ ނިސްބަތްވާ މުޙައްމަދު ތަކުރުފާނުގެ ރަށެވެ.  މުޅި ރަށް ޤައުމީ ދުވަހަށް ތައްޔާރުވެފައިވާ މިންވަރު ރަށުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެނިގެންދެއެވެ.މީގެ ދެމަސްކުރިން ތައްޔާރީތައް ފަށާ،ހުރިހާ މަސައްކަތެއްހެން މިހާރުވަނީ ނިމުމަކާ ހިސާބަށް އައިސްފައެވެ. ރަށުގެ ބަނދަރު ސަރަހައްދަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު ކައުންސިލްގެ ރައީސް އަސްރާރު އާދަމް ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ތަރައްގީ ކޮށްފައިވާ ގްރީން ޕާކަކީވެސް ޤައުމީ ދުވަހަށް ޚާއްސަކޮށްގެން ތަރައްގީ ކޮށްފައިވާ ތަނެކެވެ. މީގެ އިތުރުންވެސް ބަނދަރުގައި އެމްއެންޑީއެފް އިން ހަދާ ކަޅުއޮށްފުންމި ހަނދާނި ބިނާގެ މަސައްކަތް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ.ރަށުގެ އާބާދީގައި ނުވަސަތޭކައެއްހާ މީހުން އުޅޭއިރު، ގައުމީ ދުވަހުގެ ހަރަކާތްތައް ބަލާލުމަށް އުތީމަށް މިހާރުވެސް 300 އަށްވުރެ ގިނަމީހުން ރަށުން ބޭރުން އައިސްފައިވާކަން ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ. ކަޅުއޮށްފުންމީގެ ސިފަޔަށް ބަނދެފައިވާ، އޮޑި، އުތީމަށް ގެނެސް އެ އޮޑި އިފްތިތާހުކުރުން ހޮނިހިރު ދުވަހު ހަވީރު ރަށުގެ ބަނދަރުމަތީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ގައުމީ ދުވަހުގެ ރަސްމީ ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވަނީ، ހުކުރު ދުވަހުގެ ރޭ 12 ޖެހުމާއެކު އޮންނަ ދިދަ ނެގުމުގެ ޚާއްސަ ރައްމިއްޔާތަކުންނެވެ. ހޮނިހިރު ދުވަހުގެ ރޭ، އުތީމު ގަނޑުވަރު ކުރިމަތީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯއަކީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮލެވޭނެ ޝޯއެއްކަން އެމްއެންޑީއެފްއިން ފާހަގަކުރެއެވެ. މިގެ އިތުރުންވެސް އެމްއެންޑީއެފް ސައިލެންޓް ޑްރިލްގެ ތައްޔާރީތައްވެސް އުތީމުގައި ކުރިއަށްދެއެވެ. ގައުމީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ރަށުގެ މަގުތައްވަނީ ކުލަބޮކިން ޒީނަތްތެރިކޮށްފައެވެ.ގައުމީ ދުވަހަކީ، ދިވެހީންގެ މަދު މީސްކޮޅަކާ އެކު، އުތީމު މުޙައްމަދު ތަކުރުފާނު އިސްވެ ހުންނަވައިގެން، 15 އަހަރު ވަންދެން ދިވެހިރާއްޖެ ހިފައިގެން ތިބި ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި އެމީހުން ބަލިކުރައްވައި، ދިވެހިރާއްޖެ މިނިވަންކުރެއްވި ދުވަސް ފާހަގަކޮށް އެބަތަލުންގެ ޒިކުރާ އާކުރުމަށް ފާހަގަ ކުރުމުން އަންނަ ދުވަހެކެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދުވަސް ފާހަގަކޮށް ޖަލްސާއެއް ބާއްވާފައިވާކަމަށް ތާރީޚުން އެނގެން އޮތީ 1365 ވަނަ އަހަރުއެެވެ. އެންމެ ފަހުން ރަސްމީކޮށް ގައުމީ ދުވަސް އުތީމުގައި ފާހަގަކޮށްފައިވަނީ، 2012 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އުތީމުގައި ގައުމީ ދުވަސް ރަސްމީކޮށް ފާހަގަ ކޮށްފައިވަނީ، 1951 ވަނަ އަހަރުއެވެ.