ޚަބަރު

އިހުތިޖާޖު ކުރާއިރުވެސް ޚިދުމަތްތައް މެދުނުކެނޑޭނެ ގޮތަކަށް ޢަމަލުކުރަން އެދިއްޖެ


ޤާނޫނުން ލިބިދޭ ހައްޤުތައް ބޭނުންކުރުމުގައިވެސް، ސަރުކާރުގެ އިދާރާތަކުން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑޭނެގޮތަށް އަމަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން މުވައްޒަފުންނަށް އިލްތިމާސްކޮށްފިއެވެ.

ސިވިލްސަރވިސް ކޮމިޝަނުން މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޝުޢޫރުތަކާއި، މި ކަމާ ގުޅިގެން އިހުތިޖާޖުކުރުމުގެ ގޮތުން ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި، ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ ޕޯސްޓްތަކާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، އެކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުންދަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ އަޑުއަހައި، މުވައްޒަފުންނާ ގާތުން މަސައްކަތްކޮށް، މުވައްޒަފުންގެ ޙައްޤުތައް
ރައްކާތެރިކޮށްދީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްކަމަށެވެ.

އެ ގޮތުން، ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި، މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުންގެންދާކަމަށް ސީއެސްސީން ވިދާޅުވިއެވެ. އަދި، ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ދެނެގަނެ، ޤާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލަތަކަށް ޙައްލު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުންގެންދާކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

މިހާރަކަށް އައިސް، އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭގޮތަށް، އެ ކޮމިޝަނުގެ "ލޯގޯ" ބޭނުންކޮށްގެން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހައްޤުތައް ދިފާޢުކުރުމަށް ޓަކައި ކަމުގައި ބުނެ، ސޯޝަލް މީޑިއާގެ އެކިއެކި އޮޅިތައް މެދުވެރިކޮށް ޙަރަކާތްތެރިވަމުންދާކަމަށް ސިވިލް ސަރވިސްކޮމިޝަނުން ވިދާޅުވިއެވެ.

އެ ގޮތުން "ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން" ގެ ނަމުގައި މީސްމީޑިއާގައި މިހާރު ޙަރަކާތްތެރިވާ ފަރާތަކީ، ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫންކަމަށާއި، މިފަދައިން ވަކި ބަޔަކު ނޭނގޭގޮތަށް އެ ފަދަ ފަރާތްތަކުން ހިންގާ ޙަރަކާތްތަކާއި، ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުން އަމަލުނުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުންވަނީ އިލްތިމާސްކުރަމެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނަ ހިނދު، ޤާނޫނުން ލިބިދޭ ހައްޤުތައް ބޭނުންކުރުމުގައި ވެސް، ސަރުކާރުގެ އިދާރާތަކުން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑޭނެގޮތަށް އަމަލުކުރުމަށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ސީއެސްސީންވަނީ ނަސޭހަތްތެރިވެފައެވެ.

ސިވިލްސަރވިސް މުވައްޒަފުންގެ މުސާރައާ އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން، ސޯޝަލް މީޑިއާގައި ވަކި ބަޔަކު ނޭނގޭގޮތަށް ޙަރަކާތްތެރިވާ ފަރާތްތަކުން ފަތުރާ މަޢުލޫމާތުތައް މީޑިއާތަކުން އާންމުކުރުމުގައި، ކަމުގެ ހަޤީޤަތް ސާފުކުރުމާއެކު މަސްލަޙަތު ނުގެއްލޭގޮތަށް ރިޕޯޓުކުރުމަށް ސީއެސްސީން ވަނީ މީޑިއާތަކަށްވެސް އިލްތިމާސްކޮށްފައެވެ.