ޚަބަރު

ރަޝިޔާގެ އިންތިޚާބު ކާމިޔާބުކުރާނީ ޕުޓިން ތާޢީދުކުރައްވާ ޕާޓީ


ތިން ދުވަހަށް ދިގުދެމިގެންދިޔަ ރަޝިޔާގެ ޢާއްމު އިންތިޚާބު ކާމިޔާބުކުރާނީ އެ ޤައުމުގެ ރައީސް ވުލަޑުމީރު ޕުޓިންގެ ތާޢީދުގެ އޮންނަ ޔުނައިޓަޑު ރަޝިޔާ ޕާޓީންކަމަށް މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ދައްކައިފިއެވެ.

ބެލެވޭ ގޮތުގައި ޔުނައިޓަޑު ރަޝިޔާ ޕާޓީން އިންތިޚާބު ކާމިޔާބުކުރާނީ 40 ނޫނީ 45 އިންސައްތައިގެ ވޯޓު ހޯދައިގެންނެވެ. ރަޝިޔާގައި އެންމެ ފަހުން ޢާއްމު އިންތިޚާބެއް ބާއްވާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ. އެ ފަހަރު ޔުނައިޓަޑު ރަޝިޔާ ޕާޓީން ހޯދައިފައިވަނީ 54 އިންސައްތަ ވޯޓެވެ. ނަމަވެސް ރަޝިޔާގެ ދިރިއުޅުމުގެ ޢާއްމު ޙާލަތު ގޯސްވުމުގެ ސަބަބުން އެ ޢަދަދަށް ޔުނައިޓަޑު ރަޝިޔާ ޕާޓީއަށް މި ފަހަރު ވޯޓު ހޯދޭނެކަމަކަށް ނުބެލެވެއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދާނެކަމަށް ބެލެވޭ ރަޝިޔާގެ ކޮމިޔުނިސްޓު ޕާޓީއަށް ލިބޭނެކަމަށް ބެލެވެނީ 25 އިންސައްތައެވެ.

2001ވަނަ އަހަރުގެ ތެރޭގައި އުފެއްދި ޔުނައިޓަޑު ރަޝިޔާ ޕާޓީއަކީ ރަޝިޔާގެ ވެރިކަންކުރާ ޕާޓީއެވެ. ނަމަވެސް 2006ވަނަ އަހަރުން ފެށިގެން އެ ޕާޓީއަށް އޮންނަ ތާޢީދުވަނީ ދަށަށްދާން ފަށައިފައެވެ. ޔުނައިޓަޑު ރަޝިޔާ ޕާޓީއަށް ތާޢީދުކުރެއްވި ނަމަވެސް ޕުޓިންއަކީ އެ ޕާޓީގެ މެންބަރެއް ނޫނެވެ.