ޚަބަރު

އެމެރިކާގެ ސަބަބުން ހަތިޔާރު އުފެއްދުމުގެ ރޭހެއް ފެށިދާނެ: އުތުރު ކޮރެޔާ


އެމެރިކާގެ ޢަމަލުތަކުގެ ސަބަބުން ހަތިޔާރު އުފެއްދުމުގެ ރޭހެއް ފެށުމުގެ ނުރައްކާތެރިކަން އެބައޮތްކަމަށް އުތުރު ކޮރެޔާއިން ބުނެފިއެވެ. އެ ޤައުމުން އެހެން ބުނެފައިވަނީ ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާއިން އައު ސަލާމަތީ އިއްތިޙާދެއް އެކުލަވާލައިފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާއާއި އެ ޤައުމުގެ ރަޙްމަތްތެރި ޤައުމުތަކުގެ އަސްކަރީ ޙަރަކާތްތައް އިންޑޯ-ޕެސިފިކް ސަރަޙައްދުގައި އިތުރުކުރަމުންދާތީ ޗައިނާއިންވަނީ ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ. މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ޗައިނާއިން ކުރިމަތިކުރަމުންދާ ނުރައްކާތެރިކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ރަޙްމަތްތެރި ޤައުމުތަކުގެ އެއްބާރުލުން ބޭނުންފުޅުވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެ ގޮތުން އެންމެ ފަހުން ބޭއްވި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހަތް ޤައުމުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ބައްދަލުވުމުގައި ބައިޑަންވަނީ ޤައުމުތަކުން ގުޅިގެން ޗައިނާގެ ބާރާއި ނުފޫޒާ ދެކޮޅަށް މަސައްކަތްކުރުމަށް ބާރުއަޅުއްވައިފައެވެ.

އުތުރު ކޮރެޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ނުރައްކާތެރި ޢަމަލުތަކުގެ ސަބަބުން އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ނިޔުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ރޭހެއް ފެށުމުގެ ނުރައްކާތެރިކަން އެބައޮތްކަމަށެވެ. އަދި ޗައިނާއާ ކުރިމަތިލާން ބޭނުންނުވާކަމަށް އެމެރިކާއިން ބުނި ނަމަވެސް އެ ޤައުމުގެ ބަހާއި ޢަމަލު ދިމާނުވާކަމަށް އުތުރު ކޮރެޔާއިން ބުނެފައިވެއެވެ. އެ ގޮތުން ޤައުމުތަކުގެ މެދުގައި އެމެރިކާއިން ތަފާތުކުރުން ގެންގުޅޭކަމަށްވެސް އުތުރު ކޮރެޔާއިން ތުޙްމަތުކޮށްފައިވެއެވެ.

ނިޔުކްލިޔަރ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އުތުރު ކޮރެޔާއިންވަނީ މީގެ ކުރިން އެއްބަސްވެފައެވެ. ނަމަވެސް ނިޔުކްލިޔަރ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އެމެރިކާއާއެކު ކުރަމުންދިޔަ މަޝްވަރާތައްވަނީ 2019ވަނަ އަހަރުގެ ތެރޭގައި ހުއްޓިފައެވެ.