ކުޅިވަރު

އޮސްކާ ބަންގްލަދޭޝް ހަވާލުވުމަކުން ރާއްޖެއަށް ގެއްލުމެއް ނެތް: މޯހަން


ބަންގްލަދޭޝްގެ ޤައުމީ ޓީމާ އޮސްކާ ބުރޫޒޮން ހާވާލުވުމަކީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް އެކަމުގެ އަސަރުކުރާނެކަމެއްކަމަށް ޤަބޫލުނުކުރާކަމަށް 2008 ވަނަ އަހަރު ޓީމުގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ޝިޔާޒު މޯހަން ބުނެފިއެވެ. ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ކުޅިފަސް ޕްރޮގްރާމުގައި ވާހަކަދައްކަމުން މޯހަން ބުނީ ބުރޫޒަން ބަނގްލަދޭޝް ޓީމާ ޙަވާލުވުމަކުން ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ލިބޭނެ ގެއްލުމެއް އަދި ފައިދާއެއްވެސް އޮތްކަމަކަށް ޤަބޫލުނުކުރާކަމަށެވެ. މޯހަން ބުނީ މިޒަމާނަކީ ކޮންމެ ޤައުމެއްގެވެސް ކުޅުންތެރިންގެ ކުޅުން ބަލާލަން ބޭނުން ކޮންމެ ވަގުތެއްގައި ބަލާލެވޭ ޒަމާނެއްކަމަށެވެ. އެގޮތުން އިންޓަނެޓުން ވަކި ވަކި ކުޅުންތެރިންގެ ކުޅުންވެސް އަދި މުޅި ޓީމުގެ ކުޅުންވެސް ބަލާލުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.

އޮސްކާއަށް ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން އިނގޭއިރު، އޭނާވަނީ 2017-2018ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކޯޗު ކޮށްދީފައެވެ. 2017ވަނަ އަހަރު ޕްރިމިއަރ ލީގާއި، އެފްއޭކަޕް އަދި ޕްރެޒިޑެންޓް ކަޕްވެސް ނިއުރޭޑިއަންޓް ވަނި ހޯދާފައެވެ. އަދި 2018ވަނަ އަހަރު އޮސްކާގެ ކޯޗުކަމުގެ ދަށުން ނިއު ރޭޑިއަންޓް ވަނީ މާލޭ ލީގްވެސް ހޯދާފައެވެ. އަދި އެއަހަރު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައިވެސް ނިއު ރޭޑިއަންޓް ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އޮސްކާވަނީ 2017ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗްގެ މަގާމުވެސް ހޯދާފައެވެ.

މޯހަން ބުނީ އޮސްކާއަކީ ވަރަށް މޮޅު ކޯޗެއްކަމަށާއި، އެގޮތުން ރާއްޖޭގެ ނިއުރޭޑިއަންޓާއެކީގައި ރަނގަޅު ކާމިޔާބީތަކެއް ކޯޗު އޮސްކާ ހޯދާފައިވާކަމަށެވެ. އަދި އޮސްކާއަކީ ވަރަށް ތަޖުރިބާ ހުރި ކޯޗެއްކަމަށާއި، މިސަރަޙައްދުގެ ޓީމުތައް އެނގުމާ، ކުޅުންތެރިން އެނގުމަކީ އޮސްކާއަށް އޮންނާނެ ހިއްހަމަޖެހުމެއްކަމަށް މޯހަން ބުންޏެވެ. އަދި ހަމައެއާއެކު އޮސްކާއަކީ ގަލޮޅު ދަނޑަށް ފަރިތަ ފަރާތަކަށް ވުމުން ބަންގްލަދޭޝް ޓީމަށް އިތުރު ހިތްހަމަޖެހުމަކަށް ވާނެކަމަށްވެސް މޯހަން ބުންޏެވެ. މިކަމަކީ ދިވެހި ޓީމަށް އޮތް އުނދަގުލެއް ނޫންކަމަށާއި، ދިވެހި ޓީމު ކުރަންޖެހޭ ކަމަކީ އެހުރިހާކަމަކަށް ތައްޔާރުވެ ބަންގްލަދޭޝް ޓީމު ރަނގަޅަށް ދަސްކޮށްފިއްޔާ ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މޯހަން ބުންޏެވެ.

"އޮސްކާ ބަންގްލަދޭޝް ތީމާ ޙަވާލު ވުމަކުން ރާއްޖޭގެ ޓީމަކަށް މާ ބޮޑު ޑިސްއެޑްވާންޓޭޖެއް ނެތް. އެކަމަކު އޮސްކާއަކީ ވަރަށް މޮޅު ކޯޗެއް..އޭނާ ވަނީ އެކަން ރާއޖޭގެ ނިއުރޭޑިއަންޓް ޓީމުގެ ކޯޗަކަށް ހުރެ ދައްކާފަ. އަދި އޭނައަށް ގަލޯލު ދަނޑު ފަރިތަވެފަ މިސަރަޙައްދުގެ ޓީމުތައް އެނގި ކުޅުންެރިން އެނގުން އެއީ އޭނައަށް އޮންނާނެ ހޮތްހަމަ ޖެހުމެއް. ދެން އަޅުގަނޑުމެންގެ ރާއްޖޭގެ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މިހުރިހާ ކަންކަން އިނގޭއިރު މިކަމަށް ތައްޔާރުވުން އޮންނާނީ" މޯހަން ބުންޏެވެ.

މިފަހަރުގެ މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމު ފައިނަލްގައި ކުޅޭ ގޮތަށެވެ. ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުން ޕާކިސްތާނަށް މިފަހަރުގެ މުބާރާތުގައި ވާދަނުކުރެވެ. އަދި ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރު ނުކުރަން ބޫޓާންގެ ސަރުކާރުން އެންގުމާއި ގުޅިގެން އެގައުމްގެ ފުޓްބޯޅަ ޓީމުން ވެސް ވަނީ މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ބައިވެރިނުވާން ނިންމާފައެވެ