މިނިމަމް ވޭޖް ކަނޑައެޅުމާއެކު ސިވިލް ސަރވެންޓުންގެ ތެރޭގައި ހިމެނޭ އެންމެ އާދައިގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިހެން ވިދާޅުވެފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި ގުޅޭގޮތުން ކަންބޮޑުވުންފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ސިވިލް ސަރވަންޓުންގެ މުސާރާއިގެ މައްސަލާއިގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުން ވިދާޅުވީ ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު މަސައްކަތްކުރަމުން އަންނަ ޕޭ ފްރޭމްވޯކް އޮތީ ނިމުމުގެ އެންމެ ފަހުގެ މަރުޙަލާގައިކަމަށެވެ. އަދި މި ފްރޭމްވޯކްގެ މަސައްކަތް ނިމި ތަންފީޒުކުރަން ފެށުމާއެކު ސިވިލް ސަރވިސްގެ އެންމެ އާދައިގެ މުވައްޒަފުންގެ މުސާރައިންވެސް ހެޔޮ ބަދަލެއް ފެންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިއަހަރު ނިންމާ އަންނަ އަހަރު ޢަމަލުކުރަންފެށުންކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
މި ފްރޭމްވޯކްއާއެކު ސަރުކާރުގެ މުވައްސަސާތަކުގެ މެދުގައި މިހާރު ފެންނަ މުސާރާއިގެ ފަރަގުތަކާއި އެކި ފަންނުތަކުގެ މެދުގައި އޮތް މުސާރާއިގެ ފަރަގުވެސް ނައްތާލެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަބަބަކީ މިފްރޭމް ވޯކްގެ ދަށުން މުސާރައާއި ޢިނާޔަތްތައް ދޭނީ ކަނޑައެޅިފައި އޮންނަ އެއްހަމައަކުން ކަމަށްވާއިރު ކޮންމެ ފަންނަކަށްވެސް އެފަންނަކާއި އެކަށީގެންވާ ގޮތެއްގައި މުސާރައާއި ޢިނާޔަތްތައް މި ފްރޭމްވޯކްގައި ބަޔާންކޮށްފައި އޮތުމުންކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޝަކުވާގެ ތެރޭގައި މަޤާމުގެ މަސްއޫލިއްޔަތާއި ލިބިފައިވާ ޢިލްމީ ޤާބިލުކަމާއި ތަޖުރިބާއަށް އެކަށީގެންވާ މުސާރައާއި ޢިނާޔަތްތައް ނުލިބުމުގެ ޝަކުވާ ހިމެނެއެވެ. އަދި އަދާކުރަންޖެހޭ މަސައްކަތުގެ ބުރަކަމާއި ކުރިމަތިވާ އެކި ހިރާސްތަކާއި ޖިސްމާނީ ބުރަތަކަށް ރިޢާޔަތްކުރާއިރު މުސާއަރާއި ޢިނާޔަތްތައް އެކަށީގެންނުވާކަމުގެ ޝަކުވާވެސް ހިމެނެއެވެ. ސަރުކާރުން ވިދާޅުވީ އަލަށް އެކުލަވާލާ ޕޭ ފްރޭމްވޯކާއެކު މިމައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށާއި، ފްރޭމްވޯކްގައި މިހުރިހާ ދާއިރާއަކަށް އަލިއަޅުވާލާފައިވާނެކަމަށެވެ.
ދައުލަތް ހިންގުމުގެ އެންމެ މުހިއްމު އެއް ފަރާތްކަމުގައިވާ ސިވިލް ސަރވިސް މުވައްޒަފުންގެ ޝަކުވާއާއި ކަންބޮޑުވުން ބޮޑުވެފައިވާއިރު، ވަގުތުން ވަގުތަށް ޙައްލެއް ގެނެވޭވަރަށްވުރެ ބޮޑު މިމައްސަލަ ޙައްލުކުރުމަށް މިހާރުވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މުޅި ދުނިޔެއަށް ކުރިމަތިވީ ކޯވިޑްގެ ޙާލަތުގައި އަމިއްލަ އެއްތައް ކުންފުންޏެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލި މުސާރައަށް އަސަރު ކޮށްފައިވާއިރުވެސް ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައި ނުވާކަން ސަރުކާރުން ފާހަގަކުރައްވައެވެ.