ވިޔަފާރި

ޔޫކްރެއިންގެ މީޑިއާ ޓީމެއް ރާއްޖެއަށް


ޔުކްރެއިންގެ އެންމެ މަޤުބޫލު މަޖައްލާތަކުގެ މެންބަރުން ހިމެނޭ މީޑިއާ ޓީމެއް ރާއްޖެ އައިސްފިއެވެ.

މިއީ ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދާ ފޭމް ޓްރިޕްގެ ތެރެއިން ދަތުރެކެވެ.

ޔޫކްރެއިންގެ މީޑިއާ ޓީމުން ރާއްޖެއަށް ކުރާ ދަތުރު ކުރިއަށްދާނީ މިމަހުގެ 19 އިން 25 އަށެވެ. މިދަތުރުގައި ރާއްޖެ އައިސްފައިވަނީ ޔޫކްރެއިންގެ ހާޕާޒް ބާޒާރު، ވެޑިން މެގަޒިން ޔޫކްރެއިން، މެރީ ކްލެއަރ މެގަޒިން އަދި ޓޯޓަލް އެސްކޭޕް ޔޫކްރެއިންގެ އެޑިޓަރުން ހިމެނޭ ޓީމެކެވެ.

މި މަޖައްލާތަކަކީ ޔުކްރެއިންގެ މަތީ ފަންތީގެ މީހުންގެ މެދުގައި މަޤުބޫލު މަޖައްލާތަކެކެވެ. މި މަޖައްލާތަކުގައި އޮންލައިން، ޕްރިންޓް އަދި ޑިޖިޓަލްކޮށް ލިޔުންތަކާއި، އަދަދުތައް ޝާއިޢުކުރެއެވެ. މި މަޖައްލާތަކުގެ އެޑިޓަރުން ބައިވެރިވާ މި ފެމިލަރައިޒޭޝަން ދަތުރުގެ ސަބަބުން މި މާކެޓުގެ މަތީ ފަންތީގެ ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ފެމިލަރައިޒޭޝަން ދަތުރުގައި ބައިވެރިވާ ޔުކްރެއިންގެ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ކަނޑިންމަ މޯލްޑިވްސް އަދި ލަކްސް ސައުތް އަރި އަޓޯލް ރިޒޯޓުގައެވެ. މިޓީމުން މިރިޒޯޓުތަކުން ލިބޭ ތަފާތު ސްޕާ، ވޯޓަރ ސްޕޯޓްސް، ސްނޯކްލިން ޑައިވިން ހިދުމަތްތައް ތަޖުރިބާކުރާނެއެވެ. އަދި މި ދެ ރިޒޯޓުގެ އެކި ރެސްޓޯރެންޓުތަކުން ލިބެން ހުންނަ ދުނިޔޭގެ އެކި ޤައުމުތަކުގެ ކެއުންތައް ތަޖުރިބާކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

މި ފެމިލަރައިޒޭޝަން ދަތުރަކީ ޔުކްރެއިންގެ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. ދަތުރުގެ ސަބަބުން ޔޫކްރެއިން މާކެޓުގައި ރާއްޖެ ޗުއްޓީ ހޭދަކުރުމަށް އައުމަށް ޝައުގުވެރިވާ ފަތުރުވެރިންނަށް ރާއްޖޭގެ ރިޒޯޓު، ހޮޓަލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ވެސް ހިއްސާކުރެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މިއީ ޔުކްރެއިން މާކެޓަށް އަމާޒުކޮށް ރާއްޖެއިން މިއަހަރު ބާއްވާ ފުރަތަމަ ފެމިލަރައިޒޭޝަން ދަތުރުއެވެ. ޔޫކްރެއިން އަކީ ރާއްޖެއަށް މި އަހަރު ފަސް ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމެވެ. މި އަހަރު އޯގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 732،896 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 3.7 އިންސައްތަ ނުވަތަ 26،920 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޔޫކްރެއިން އިންނެވެ.

ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ޔޫކްރެއިން ފަދަ ބޮޑެތި މާކެޓްތަކާއި، އައު މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓް ޕްރޮމޯޓުކުރުމެވެ. މިކަން ހާސިލްކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން ދަނީ އެކި މާކެޓުތަކަށް ހާއްސަކޮށް އެގްޒިބިޝަންތަކާއި ފެއަރތަކުގައި ބައިވެރިވެ، ރޯޑް ޝޯ، ވެބިނާތަކާއި އެހެން ހަރަކާތްތައް ބާއްވަމުންނެވެ.