ޚަބަރު

" ދިވެހިން ބާނާ މަހަށް ހަމަ އަގު ލިބި، ޑިމާންޑްވަނީ ބޮޑުވެފައި "


ދިވެހި މަސްވެރިން ބާނާ މަހަށް
ބައިނަލްއަޤްވާމީ ބާޒާރުގައި ރަނގަޅު އަގު ލިބި، މަހުގެ ޑިމާންޑް
ބޮޑުވެފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝައިނީ
ވިދާޅުވެއްޖެއެވެ.



ފިޝަރީޒް މިނިސްޓަރ މިހެން
ވިދާޅުވީ، 35 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.
މިނިސްޓަރވަނީ، ދިވެހި މަސް ޕްރޮމޯޓް ކުރުމަށް ބޭރު ދުނިޔޭގައި ކުރާ މަސައްކަތް
އިތުރުވެފައިވާކަންވެސް ފާހަގަކުރައްވާފައެވެ. ފަތުރުވެރިކަމުގެ ކުރިން ރާއްޖޭގެ
އިޤްތިސާދީ މައި ސިނާއަތަކީ މަސްވެރިކަމެވެ. މިއަދުވެސް މިއީ ހަމަ ދިވެހިންގެ
ލޭނާރެވެ. މަހާއި މަހުގެ އުފެއްދުންތައް އަވަށްޓެރި ޤައުމުތައް ފަހަނައަޅާ
ވިލާތާއި، މެދުއިރު މައްޗާއި، އެމެރިކާ ފަދަ ޤައުމުތަކުގައި ދަނީ ބޮޑު އަގު
ހޯދަމުންނެވެ.



ދިވެހި މަސްވެރިން ބާނާ މަހަށް
ރަގަޅު އަގު ހޯދައިދިނުމަށް ބޭރުގެ ޖަމުއިއްޔާ ޖަމާއަތްތަކުގައި ދިވެހި ސަރުކާރާއި
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަށް ގުޅިގެން
މެދުކެނޑުމެއްނެތި ވާކާލާތު ކުރާ މިންވަރު ވަނީ އިތުރުވެފައެވެ.



ނަތީޖާއެއްގެ ގޮތުން ދޮށިން
ފަހަރަކު މަހެއްގެ ނިސްބަތުން ދިވެހި މަސްވެރިން ބާނާ މަސް ބަލައިގަނެ އޭގެ އަގު
ބޮޑުވުމަށް މަގުފަހި ވަމުން ދާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މިއާއި އެކު
ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި މަސް
ޕްރޮސެސްކޮށް ބޭރުގެ ބާޒާރުތަކަށް މަސް ބޭރުކުރުން ކަމަށް މަސްވެރިކަމާއި ބެހޭ
ވަޒީރު ވިދާޅުވިއެވެ.



"ދިވެހިރާއްޖެއިން ގަނޑުކޮށްގެން
އެކްސްޕޯޓްކުރާ ކަޅުބިލަމަހުގެ ބަދަލުގައި، ވެލިއުއެޑްކޮށް، ދިވެހިރާއްޖޭގެ އުފެއްދުމެއްގެ
ގޮތުގައި އެކްސްޕޯޓް ކުރުމަކީ މިސަރުކާރުގެ އަމާޒެއް. ދިވެހި ކުންފުނިތަކަށް މިއަދު
އެއްހަމައެއްގައި ކަޅުބިލަމަހުގެ އަގު ހިފެހެއްޓެމުންދާ މައިގަނޑު ސަބަބަކީ ދެމެހެއްޓެނެވި
ގޮތެއްގައި ދިވެހިން ކުރަމުންއަންނަ މަސްވެރިން. އަދި ސަރުކާރުން މަސްވެރިންނަށް އިތުރު
ބުރައެއް ނުޖައްސާ މަހަށް ނުކުތުމަށް ބާރުއެޅުމުގެ ގޮތުން. އެހެންނަމަވެސް، ދިވެހިރާއްޖެއިން
ބާނާ ކަނޑުމަސް ރޯމަހުގެގޮތުގައި ތައިލެންޑަށް އެކްސްޕޯޓް ކުރުމުން، ދިވެހިރާއްޖެއިން
ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއްގައި ބާނާމަހުގެ ބޮޑު ފައިދާއެއް ނަގަމުންދަނީ މިކުންފުނިތަކުން"
މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.  



މަސްވެރިކަމުގެ ޞިނާޢަތް މިހާރު
މިއޮތް ހަރުފަތުން އުސް ހަރުފަތަކަށް ގެންދެވޭނީ މަހާއި މަހުން އުފައްދާ
ބާވަތްތައް އިތުރުކޮށް، މަތީ އަގު
ލިބޭ ބާވަތްތައް އުފެއްދުމަށް އިތުރަށް ސަމާލުކަން ދީގެން.މިހާރުވެސް ރާއްޖޭގެ
ބައެއް ކުންފުނިތަކުން ރާއްޖޭގައި މަސް ޕްރޮސެސްކޮށް މަސް ބޭރު ކުރާއިރު، މަސްވެރިންނަށާއި މަސް ޕްރޮސެސްކުރުމަށް ހާއްސަކޮށް ގިނަ
މަޝްރޫޢުތަކެއް ފެށިފައިވާ ކަމަށްވެސް މަސްވެރިކަމާއިބެހޭ ވަޒީރު ޑރ.ޝައިނީ
ވިދާޅުވި.



"ތ. ފުނައްޑޫގައި މަސްގަތުމަށް
ހަދާފައިވާ ސެންޓަރުގެ މަސައްކަތް ހުއްޓިފައިވާތާ 8އަހަރަށްފަހު، ފުނައްޑޫގެ ޚިދުމަތް
މަސްވެރިންނަށް ދިނުމަށްޓަކައި މިއޮކްޓޫބަރުމަހު ވަނީ އަމަލީ މަސައްކަތްފަށާފައި. މީގެއިތުރުން،
އައިލެންޑް އެންޓަރޕްރައިސެސްއިން ށ. ކީކިމިނިން މަސްވެރިންނަށް މިއަހަރުގެތެރޭގައި
ޚިދުމަތްދޭންވަނީ ފަށާފައި. އަދި ޅ.ފެލިވަރުގައި ޤާޢިމްކުރެވިފައިވާ 15 މެޓްރިކްޓަނުގެ
ދަޅުބަންދުކުރާ ކާރުހާނާގެ ކެޕޭސިޓީ ދުވާލަކު 50 މެޓްރިކްޓަނަށް ވަރަށް އަވަހަށް އިތުރުކުރެވި
ގެންދާނެއެވެ." މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.  



ދިވެހިރާއްޖޭގެ މަސްވެރިކަމާއި
މަހުން އުފައްދާ ބާވަތްތައް އިތުރުކޮށް ފެންވަރު ރަގަޅު އުފެއްދުންތައް ބާޒާރަށް
ނެރެވޭނީ ޒުވާނުން މިކަމުގެ ތެރޭގައި ޝާމިލްވާ ނިސްބަތް އިތުރުވެގެނެވެ.
ރަށްރަށުގެ ކޯޕްރޭޓިވްސް އުފައްދައިގެންނާއި، އަމިއްލަ ކުންފުނިތަކުގެ ތެރެއިން
މަހުގެ ވިޔަފާރި ފުޅާކޮށް މިކަމުގައި ޝާމިލް ވުމަކީ ހުރިހާ ފަރާތްތަކަށްވެސް އޭގެ
ފައިދާ ބޮޑު ކަމެކެވެ.