ދުނިޔޭގެ ވިޔަފާރި

ދަތުރުފަތުރުގެ ލުއިތަކާއެކު އިނގިރޭސިވިލާތުގެ އެއަރލައިންތައް އަލުން ހުޅުވާލެވޭނެކަމަށް ލަފާކޮށްފި

ދަތުރުފަތުރުކުރުމުގައި އިތުރު ލުއިތައް އިނގިރޭސިވިލާތުގެ ސަރުކާރުން ދިނުމާއިއެކު އެޤައުމުގެ އެއަރލައިންތައް ކައިރި މުސްތަޤްބަލެއްގައި އަލުން ހުޅުވާލެވޭނެކަމަށް ލަފާކޮށްފިއެވެ.

ޓްރެފިކް ލައިޓް ސިސްޓަމް ލުއިކޮށް ކޯވިޑަށް ޓެސްޓްކުރަންޖޭ މިންވަރުވެސް އިނގިރޭސިވިލާތުގެ ސަރުކާރުން މިހާރު ވަނީ މަދުކޮށްފައެވެ. މިއާއިއެކު އެ ޤައުމުގެ އެއަރލައިންތަކުން ވަނީ ސަރުކާރަށް މަރުޙަބާ ކިޔާފައެވެ.

މިކަމާއިގުޅިގެން އިނގިރޭސިވިލާތުގެ ދަތުރުފަތުރާއިބެހޭ ސެކްރެޓަރީ ގްރާންޓް ޝެޕްސް ވިދާޅުވީ ދަތުރުފަތުރަށް މި ގެނައި ބަދަލުތަކުގެ ސަބަބުން މިހާރު މީހުންނަށް ދުނިޔޭގެއެކި ކަންކޮޅުތަކަށް ދަތުރުކުރެވޭނެއެވެ. މީގެއިތުރުން އަންނަ އޮކްޓޫބަރު 4ވަނަ ދުވަހުން ފެށިގެން ދަތުރުނުކުރެވޭ ޤައުމުތަކުގެ ލިސްޓް ކުޑަވެ ލިސްޓްގައި ނެތް ޤައުމުތަކަށް ދަތުރުކުރާއިރު ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން އިތުރު ޓެސްޓެއް ނުހަދާ އެ ޤައުމުތަކަށް ދަތުރުކުރެވޭ ގޮތަށްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

މިއާއިއެކު އިނގިރޭސިވިލާތުގެ އެއަރލައިންތަކުގެ ޗީފް އެގްޒެކްޓިވް ޓިމް އޯލްޑަރސްލޭޑް ވިދާޅުވީ ސަރުކާރުން މި ނެގި ފިޔަވަޅަކީ ވަރަށް އުންމީދީ ފިޔަވަޅެއްކަމަށާއި މިކަމުގެ ސަބަބުން އިނގިރޭސިވިލާތުގެ ދަތުރުފަތުރުކުރުމުގެ ސިނާޢަތް ވަރަށް އަވަހަށް ހުޅުވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ދަތުރުކުރަން ބޭނުންވެފައިތިބި އެތައް ބައެއްގެ ބޮޑު ޔަޤީންކަމެއްވެސް މިކަމުގެ ސަބަބުން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ދަތުރުނުކުރޭ ޤައުމުތަކުގެ ލިސްޓް މަދުކުރުމާއި ޕީސީއާރް ޓެސްޓް ހަދަން ނުޖެހުމުގެ ސަބަބުން އަންނަ އޮކްޓޫބަރު ފަހުކޮޅުގައި ލިބޭ ޗުއްޓީއާއި ފިނި މޫސުމަށް ލިބޭ ޗުއްޓީގައި ދަތުރުފަތުކުރުމަށް ފަސޭހަވެގެންދާނެކަމަށްވެސް ޓިމް އިތުރަށް ވިދާޅުވިއެވެ.

އަދި މިހާރުގެ ބުކިންގްސްތަކަށްބަލާއިރު ބައިނަލްއަޤުވާމީ ދަތުރުތައްކުރުމުގައި ދީފައިވާ ލުއިތަކުގެ ސަބަބުން މި ހަފްތާ ބަންދުގައި ގިނަ ޢަދަދެއްގެ މީހުން ތަންތަނަށް ދަތުރުފަތުރުކުރާނެކަމަށް ބެލޭކަމަށްވެސް އެއަރލައިންތަކުން ބުނެއެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެންމެބޮޑު އަސަރެއްކޮށްފައިވާ އެއް ސިނާޢަތަކީ ފަތުރުވެރިކަމާއި ދަތުރުފަތުރުކުރުމުގެ ސިނާޢަތެވެ. މިގޮތުން މުޅި ދުނިޔެއިން މި ސިނާޢަތުން 62 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާކަމަށް ވޯރލްޑް ޓްރެވަލް އެންޑް ޓުއަރިޒަމް ކައުންސިލުން ބުނެއެވެ.