ދުނިޔޭގެ ވިޔަފާރި

އޭޝިއާ ޕެސިފިކް ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއިން ބައިވެރިވަނީ


ޗައިނާގެ ވިޔަފާރިތައް އެޤައުމު ހިމެނޭ ސަރަޙައްދުގައި ވަރުގަދަކުރުމުގެގޮތުން އޭޝިއާ ސަރަޙައްދުގެ މައިގަނޑު ވިޔަފާރީގެ އެއްބަސްވުންކަމަށްވާ ކޮމްޕްރިހެންސިވް އެންޑް ޕްރޮގްރެސިވް އެގްރީމެންޓް ފޯ ޓްރާންސް ޕެސިފިކް ޕާރޓްނަޝިޕް (ސީޕީޓީޕީޕީ) އެއްބަސްވުމުގައި ބައިވެރިވުމަށް ޗައިނާއިން ހުށަހަޅައިފިއެވެ.

މިކަމާ ގުޅިގެން ޗައިނާގެ ވިޔަފާރިއާ ބެހޭ ވަޒީރު، ވެންޓައު ވެންގް ވިދާޅުވީ ދުނިޔޭގެ ދެވަނައަށް އެންމެބޮޑު އިޤްޠިޞާދު އޮންނަ ޗައިނާއިން މިހާރުވާނީ ސީޕީޓީޕީޕީޕީގައި ބައިވެރިވުމަށް ނިއުޒީލޭންޑްގެ ވިޔަފާރިއާބެހޭ ވަޒީރު ޑޭމިއަން އޯ ކޯނަރއަށް ސިޓީއެއް ހުށަހަޅާފައެވެ.

މި އެއްބަސްވުމުގެ އިދާރީ ކަންކަން ބަލަހައްޓަނީ ނިއުޒީލޭންޑުންނެވެ. ސިޓީއަށްފަހު ދެން ކުރިއަށް ގެންދާނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ނިއުޒީލޭންޑްގެ ވަޒީރު އަދި ޗައިނާގެ ވަޒީރު ވަނީ ފޯނުން މަޝްވަރާކުރައްވާފައެވެ.

މިއާއެކު އެއްބަސްވުމުގައި ބައިވެރި ވެވިއްޖެނަމަ އެކަން ވެގެންދާނީ ޗައިނާއަށް ވަރަށް ފައިދާހުރި ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. ޗައިނާއިން މިދިޔަ ނޮވެމްބަރުމަހު ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާރޓްނަޝިޕް (އާރްސީއީޕީ)ގެ ނަމުގައި ތަފާތު އެއްބަސްވުންތައް 14 ޤައުމަކާއެކުވެފައެވެ.

ސީޕީޓީޕީޕީ އެއްބަސްވުމަކީ ޗައިނާގެ ނުފޫޒު ދުއްވާލުމުގެ ގޮތުން އެންމެ ފުރަތަމަ އެމެރިކާއިން ޤާއިމުކޮށްފައިވާ އެއްބަސްވުމެކެވެ. ނަމަވެސް 2017ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މި އެއްބަސްވުމުން އެމެރިކާ ވަކިކޮށްފައެވެ.

މި އެއްބަސްވުމުން އެމެރިކާ ވަކިކުރުމުން ޖަޕާނުން އިސްނަގައިގެން އަނެއްކާވެސް ވަނީ އެއްބަސްވުން ވަރުގަދަކޮށްފައެވެ. މީގެއިތުރުން އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ޗައިނާގެ ނުފޫޒު ގަދަކޮށްފައިއޮތް އޮތުމަށް ގޮންޖެހުމުގެގޮތުން އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާވެސް ވަނީ މި އެއްބަސްވުމަށް ތަރުޙީބުދެއްވާފައެވެ.

ސީޕީޓީޕީޕީ އެއްބަސްވުމުގައި 2018 ވަނަ އަހަރު 11 ޤައުމަކުން ވަނީ ސޮއިކޮށްފައެވެ. އޭގެތެރޭގައި އޮސްޓްރޭލިއާ، ކެނެޑާ، ޗިލީ، ޖަޕާން އަދި ނިއުޒީލޭންޑް ހިމެނެއެވެ. މީގެއިތުރުން މި އެއްބަސްވުމުގައި ބައިވެރިވުމުގެ ގޮތުން އިނގިރޭސިވިލާތުން ޖޫންމަހު ވަނީ ރަސްމީކޮށް މަޝްވަރާތައް ފަށާފައެވެ. އަދި ތައިލޭންޑުންވެސް ވަނީ އެއްބަސްވުމުގެ ބައިވެރިވާނެކަމުގެ އިޝާރާތެއްކޮށްފައެވެ.