ޚަބަރު

ކާބުލްއަށް ދިން ވައިގެ ޙަމަލާގައި މަރުވީ ޢާއްމުންކަމަށް އެމެރިކާއިން އެއްބަސްވެއްޖެ


އޮގަސްޓު މަހުގެ ފަހުކޮޅު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ޑުރޯން ބޭނުންކޮށްގެން ދިން ވައިގެ ޙަމަލާގައި މަރުވެފައިވަނީ ޢާއްމުންކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ.

އޮގަސްޓު މަހުގެ 29ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ޙަމަލާގައި 10 މީހުން މަރުވެފައިވެއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ޙަމަލާ އަމާޒުކޮށްފައިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންނަށްކަމަށާއި އެ މީހުން މަސައްކަތްކުރީ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ޙަމަލާދިނުމަށްކަމަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުންނާއި އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުންނާއި ނޫސްވެރިންވަނީ އެމެރިކާގެ ވާހަކަތައް ދޮގުކޮށްފައެވެ.

އެމެރިކާއިން ދިން ޙަމަލާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ޖެނެރަލެއްކަމަށްވާ ފުރޭންކް މެކެންޒީ ވިދާޅުވީ އެ ޙަމަލާ ތަޙްޤީޤުކޮށްފައިވާކަމަށާއި އެ ޙަމަލާގައި މަރުވީ އައިއެސްގެ ހަނގުރާމަވެރިންކަމަށް ނުބެލެވޭކަމަށެވެ. އަދި އެއީ އެމެރިކާގެ އަސްކަރިއްޔާއަށް ހެދުނު ގޯހެއްކަމަށާއި އެ ޙަމަލާގެ ޒިންމާ އޭނާ އުފުއްލަވާނެކަމަށްވެސް މެކެންޒީވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ލޮޔިޑު އޮސްޓިންވަނީ އަސްކަރިއްޔާއިން ޢަމަލުކުރި ގޮތުގެ ފުރިހަމަ ތަޙްޤީޤެއްކުރައްވާނެކަމަށާއި އެ ޙަމަލާއިން ފިލާވަޅުތަކެއް ދަސްކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި އޭނާވަނީ އެ ޙަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ޢާންމުންނެއް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޖަމާވެފައިވަނިކޮށް އޮގަސްޓު މަހުގެ 26ވަނަ ދުވަހު އައިއެސް ޖަމާޢަތުން ދިން ބޮމުގެ ޙަމަލާގައި 175އަށްވުރެ މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ސިފައިންގެ 13 މީހުންވެސް ހިމެނެއެވެ. އެއީ 2011ވަނަ އަހަރުގެ ފަހުން އެއް ދުވަހެއްގެ މަތިން އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން އެންމެ ގިނަ ޢަދަދަކަށް މަރުވި ދުވަހެވެ. އެ ޙަމަލާތަކުގައި އިތުރު 240 މީހުންވަނީ ޒަޚަމުވެފައެވެ. ޠާލިބާނުން ބުނެފައިވާ ގޮތުގައި އެ ޙަމަލާތަކުގައި އެ ޖަމާޢަތުގެ 28 މެންބަރުން މަރުވެފައިވާކަމަށެވެ.

އައިއެސް ޖަމާޢަތުން ދިން ޙަމަލާގެ ބަދަލު އެމެރިކާއިން ހިފާނެކަމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވަނިކޮށް އެމެރިކާގެ އަސްކަރިއްޔާއިންވަނީ އެ ޙަމަލާ ރޭވުމުގައި އިސްކޮށް ޙަރަކާތްތެރިވި އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށްދިން ވައިގެ ޙަމަލާއެއްގައި އޭނާ މަރާލައިފައެވެ. އަދި ވައިގެ ބަނދަރަށް އިތުރު ޙަމަލާއެއް ދޭން އުޅޭކަމަށް ބުނެ ކާބުލްގައި ޢާއްމުން ދިރިއުޅޭ ސަރަޙައްދަކަށް ދިން ޙަމަލާގައި ކުޑަކުދިން ހިމެނޭ ގޮތަށް 10 މީހުންވަނީ މަރުވެފައެވެ. އެއީ 20 އަހަރަށްފަހު އަފްޣާނިސްތާނުން ފައިބަމުން އެމެރިކާއިން ދިން އެންމެ ފަހު ޙަމަލާއެވެ.