ދުނިޔޭގެ ވިޔަފާރި

ޔޫއޭއީން އިނގިރޭސިވިލާތުގައި 14 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ


ހަކަތައާއި ޓެކްނޮލޮޖީ އަދި ޢުމްރާނީ ތަރައްޤީއަށް އަމާޒުކޮށް ކުރިއަށް ހުރި އަހަރުތަކުގެތެރޭގައި 14 ބިލިއަން އެމެރިކާ ޑޮލަރު އިނގިރޭސިވިލާތުގައި އިންވެސްޓްކުރުމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމައިފިއެވެ.

މިގޮތަށް ނިންފައިވަނީ ޔޫއޭއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒައިދް އަލް ނަޙްޔާން ދާދިފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

ޔޫއޭއީގެ އިތުރުން އިނގިރޭސިވިލާތުންވެސް ދަނީ ވިލާތުން ބޭރުން ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. އިނގިރޭސިވިލާތުން މީގެކުރިން ބުނެފައިވާގޮތުގައި ހައި ސްޕީޑް ބްރޯޑްބޭންޑް ތަޢާރަފްކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ސިޓީ ފައިބަރ ކުންފުންޏަށް 690 މިލިއަން އެމެރިކާ ޑޮލަރު ޔޫއޭއީން އިންވެސްޓްކުރާނެއެވެ. މިއާއިއެކު މި ނިންމުންތަކުގެ ސަބަބުން މި އަހަރު ކުރީކޮޅު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތަށް ދެ ޤައުމުގެ ދެމެދުގައި އޮތް ސޮވްރެން ޕާރޓްނަޝިޕް އިންވެސްޓްމަންޓް ފުޅާވެގެންދާނެއެވެ.

މެދުއިރުމަތީގެ މައިގަނޑު ވިޔަފާރީގެ މަރުކަޒަކަށްވުމަށް ސައުދީ ޢަރަބިއާއާއެކު ވާދަވެރިކަން އިތުރުވުމުގެ ސަބަބުން އިނގިރޭސިވިލާތްވެސް ހިމެނޭގޮތަށް ޚާއްޞަކޮށް އޭޝިއާ އަދި އެފްރިކާއިން އިޤްޠިޞާދީ އެއްބަސްވުންތައް ހޯދުމުގެ މަސައްކަތް ޔޫއޭއީއިން ކުރަމުން އަންނަކަމަށްވެސް އެ ޤައުމުންވަނީ ބުނެފައެވެ.