ޚަބަރު

ކޭންޑޫއިން ކުޑަކުދިންގެ ހައްޤްތަކާގުޅޭ އަތްމަތީ ފޮތެއް ނެރެފި


ޗައިލްޑް އެޑްވޮކަސީ ނެޓްވޯރކް އޮފް ޑިސްއެބިލިޓީ އޯގަނައިޒޭޝަންސް "ކޭންޑޫ" އިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ މުއާހަދާގެ ކުޑަކުދިންގެ އަތްމަތީ ފޮތަކާއި، ކޭންޑޫއަށް ޚާއްސަ ވެބްސައިޓެއް އިފްތިތާހްކޮށްފިއެވެ.މި އަތްމަތީ ފޮތާއި ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ.ބައިނަލް އަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދުގެ އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަތް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއްދެއްވާ ކަމަށާއި އެކަމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން މިފަދަ ފަރާތްތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވުމަށްޓަކައި ކުރައްވަމުންދާ މަސައްކަތް ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ މިއަދު މިނެރެވުނު ފޮތުގެ ސަބަބުން އެކުދިންނަށް މަޢުލޫމާތު ހޯދުމުގައި ވަރަށް ބޮޑެތި ފައިދާތަކެއް ވާނެ ކަމަށެވެ.މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އާކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޒެނީޝާ ޒަކީ ވިދާޅުވީ މިއަދު އިފްތިތާހް ކުރެވުނު އަތްމަތީ ފޮތަކީ ނުކުޅެދުންތެރިން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ހައްޤުތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށާއި އެކުދިންގެ ހައްޤުތައް ކުރިއެރުވުމަށްޓަކައި ބެލެނިވެރިންނާއި، ޓީޗަރުންގެ އިތުރުން ދަރިވަރުންނަށް ފުރިހަމައަށް ބޭނުންކުރެވޭނެ ފޮތެއް ކަމުގައި ވާނޭ ކަމަށެވެ.މިއަދު އިފްތިތާޙް ކުރެވުނު ވެބްސައިޓްގައި ޢާންމު ނުކުޅެދުންތެރިކަމާބެހޭ ތަފްސީލާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނާއި މިފަދަ މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކުން ލިބެން ހުންނަ ޚިދްމަތްތަކާބެހޭ މަޢްލޫމާތުތައް ލިބެން ހުރެއެވެ.ކޭންޑޫ އަކީ އާކްއިން އިސްނަގައިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ ނެޓްވޯކެކެވެ. މި ނެޓްވޯކް އެކުލަވާލާފައިވަނީ  ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކާއެކުގައެވެ.