ތަފާތު އެކި މައްސަލަތަކުގައި ފަރަންސޭސިވިލާތަކީ އެމެރިކާގެ މުޙިއްމު ބައިވެރިއެއްކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ވިދާޅުވެއްޖެއެވެ. އޭނާ އެ މޭރުމުން ވާހަކަދައްކަވައިފައިވަނީ ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާއިން އައު ސަލާމަތީ އިއްތިޙާދެއް އެކުލަވާލައި އިޢުލާންކުރުމުން ފަރަންސޭސިވިލާތުން ނުރުހުންފާޅުކޮށް ޝަކުވާކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާއާއި އޮސްޓުރޭލިޔާގެ ޚާރިޖީ ވަޒީރުންނާއި ދިފާޢީ ވަޒީރުން އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބުލިންކެން ވިދާޅުވީ އިންޑޯ-ޕެސިފިކް ސަރަޙައްދު ހިމެނޭހެން ފަރަންސޭސިވިލާތާ ގުޅިގެން މަސައްކަތްކުރުމަށް އެމެރިކާއިން ބޭނުންވާކަމަށެވެ. އަދި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ވިލާތުގެ ޤައުމުތަކުން މުޙިއްމު ދަޢުރެއް އަދާކުރުމަށް އެމެރިކާއިން ބޭނުންވާކަމަށާއި ވިލާތުގެ އިއްތިޙާދާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރު ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް އެމެރިކާއިން އިސްކަންދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އޯކެސްގެ ނަން ދީފައިވާ އައު އިއްތިޙާދެއް އެކުލަވާލިކަން އިޢުލާންކޮށްފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާގެ އެންމެ އިސްވެރިން ވީޑިޔޯ މެދުވެރިކޮށް ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ އިއްތިޙާދުގެ ސަބަބުން އޮސްޓުރޭލިޔާއަށް ފުރަތަމަ ފަހަރަށް ނިޔުކްލިޔަރ ސަބްމެރީން ލިބޭނެއެވެ. ނަމަވެސް އެއީ ނިޔުކްލިޔަރ ހަކަތަ ބޭނުންކުރާ ސަބްމެރީންތަކެއްކަމަށާއި އެ އުޅަނދުތަކުގައި ނިޔުކްލިޔަރ ހަތިޔާރެއް ނުހުންނާނެކަމަށް އެ ތިން ޤައުމުންވެސްވަނީ ބުނެފައެވެ. އޮސްޓުރޭލިޔާއަކީ ނިޔުކްލިޔަރ ހަތިޔާރު ބޭނުންކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ ޤަރާރުގައި ސޮއިކޮށްފައިވާ ޤައުމެކެވެ.
އައު ސަލާމަތީ އިއްތިޙާދެއް އެކުލަވާލައި އިޢުލާންކުރުމުން ފަރަންސޭސިވިލާތުން އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ 2016ވަނަ އަހަރުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެ ޤައުމުން އުފައްދައި ސަބްމެރީން އޮސްޓުރޭލިޔާއިން ނުގަންނަން ނިންމުމުންނެވެ. އޭގެ ބަދަލުގައި އަސްކަރީގޮތުން އޮސްޓުރޭލިޔާއަށް އެހީތެރިކަން ފޯރުކޮށްދޭނީ އެމެރިކާއިންނާއި އިނގިރޭސިވިލާތުންނެވެ.