ދުނިޔޭގެ ވިޔަފާރި

އެމެރިކާއިން ޗައިނާއަށް އެތެރެކުރާ އުފެއްދުންތަކުން ނަގާ ޓެކްސްއަށް މަޢާފްދިނުމުގެ މުއްދަތު އިތުރުކޮށްފި


އެމެރިކާއިން ޗައިނާއަށް އެތެރުކުރާ 81 އުފެއްދުމަކުން ނަގާ ޓެކްސްއަށް މަޢާފްދިނުމުގެ މުއްދަތު 7 މަހަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް ޗައިނާގެ މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އިޤްޠިޞާދެއް އޮންނަ އެމެރިކާއާއި ޗައިނާއާއި ދެމެދު ހީނަރުވެފައިވާ ވިޔަފާރީގެ ގުޅުން ނިމުމަކަށް ގެނައުމަށް ދެ ޤައުމުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ ދަށުން ޗައިނާއިން ދަނީ އުފެއްދުންތަކުން ނަގާ ޓެކްސަށް މަޢާފްދިނުމުގެ މުއްދަތު އިތުރުކުރަމުންނެވެ. އަދި މިގޮތަށް އުފެއްދުންތަކުން ނަގާ ޓެކްސް ޗައިނާއިން މައާފްކުރަން ނިންމާފައި މިވަނީ އެމެރިކާގެ ވިޔަފާރިއާއިބެހޭ ޤާނޫނުގެ 301 ވަނަ މާއްދާއަށް ޢަމަލުކުރުމުގެ ގޮތުންކަމުގައިވެސް މާލީ ވުޒާރާއިން ބުނެއެވެ.

މީގެއިތުރުން ބައެއް އުފެއްދުންތައް ކަމަށްވާ އިހި އަދި އިލްކެޓްރިކް ބެޓްރީން ނަގާ ޓެކްސް މަޢާފްކުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ޓެކްސް ނަގާ މުއްދަތު ހަމަވާތީކަމުގައާއި އަދި މިހާރު މި މުއްދަތުވަނީ އަންނަ އަހަރުގެ އޭޕްރީލް 16 އާއި ހަމައަށް އިތުރުކޮށްފައިކަމުގައިވެސް މާލީ ވުޒާރާއިން ބުނެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ގޯސްވެފައިވާއިރު ޓެކްސްގެ ގޮތުގައި ގިނަ ޢަދަދެއްގެ ފައިސާ ވަނީ ދައްކަންޖެހިފައެވެ.

ފޭސް 1 ގެ ގޮތުގައި ވެފައިވާ ވިޔަފާރީގެ އެއްބަސްވުން މިދިޔަ އަހަރު ޖެނުއަރީގައި ވެފައިވާއިރު މި އެއްބަސްވުމުގެ ދަށުން ދެ އަހަރު ތެރޭގައި 200 ބިލިއަން އެމެރިކާ ޑޮލަރުގެ އެމެރިކާ އުފެއްދުން ގަތުމަށް އެމެރިކާއިން ޗައިނާއަށް ވަނީ ގޮވާލާފައެވެ. ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މިކަމުގައި ޗައިނާއިން އަދިވެސް އުޅެނީ ވަރަށް ފަހަތުގައެވެ.