ޚަބަރު

ކަސްޓަމްސް ނޯތު ރީޖަނަލް އޮފީހުން ވިޔަފާރިވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ: ޝަރީފް


ކުޅުދުއްފުށި ސިޓީގައި ހުޅުވިގެންދިޔަ ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީހުގެ ސަބަބުން ވިޔަފާރިވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރެވުނު ނޯތް ރީޖަނަލް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، ވިޔަފާރީގެ ޚަރަދު ކުޑަވުމުގެ އިތުރުން، ރައްޔިތުމީހާއަށް ހެޔޮއަގުގައި ތަކެތި ގަންނަންލިބުމަށް މަގުފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ކަސްޓަމްސްއިން ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިލާމެހިފައިވާ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވާ ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުން މިފަހަކަށް އައިސް އަތުލައިގަނެވިފައިވާ މަސްތުވާތަކެތި އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކުރެވޭ މަސައްކަތުގައި ކަސްޓަމްސްގެ މުވައްޒަފުންގެ ހުނަރުވެރިކަމާ ކުޅަދާނަކަން ފާހަގަކޮށް މި މުހިއްމު ޤައުމީ ޚިދުމަތް ދިނުމަށްޓަކައި ހީވާގިކަމާއެކު ކަސްޓަމްސް އޮފިސަރުން ކޮށްދެއްވައި އަގުހުރި މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްގެ ވާހަކަފުޅުގައި އަލަށް ޤާއިމް ކުރެވުނު އިމާރާތަކީ ރާއްޖޭގެ އުތުރުގައި އިޤްތިސާދީ ސިނާޔާތްތައް ތަރައްޤީކޮށް ފުޅާކުރުމަށް އެޅުނު މުހިންމު ބިނާއަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އެންމެފަހުން އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނެވުނު ބަދަލާއިއެކު ރަސްމީ ސަރަހައްދީ ބަނދަރުތަކުން އެތެރެކުރާ މުދަލުން %50 ޑިއުޓީ މަޢާފްކުރުމަށް ހަމަޖެހުމާއެކު މި ސަރަހައްދުން ޚިދުމަތް ހޯއްދަވާ ފަރާތްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި މި އޮފީސް އިމާރާތުގެ ސަބަބުން ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާވެ، ވިޔަފާރިވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިމުގެ އިތުރުން މާލޭ ކޮމާޝަލް ބަނދަރުގެ ޓްރެފިކަށް ލުއެއް ލިބިގެންދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މިހާރުވެސް ކަސްޓަމްސްގެ ކޯލް ސެންޓަރ ހިނގަމުންދަނީ މި އިމާރާތުގައިކަން ފާހަގަކުރެއްވިއެވެ. އަދި ނޯތް ރީޖަނަލް ހެޑް އޮފީސް އިމާރާތުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ފެސިލިޓީގައި ބޯޑަރުގައި މަސައްކަތްކުރައްވާ އިދާރާތަކާއެކު ގައުމީ ފެންވަރުގެ ތަމްރީނުތައް ހިންގުމަށް ރޭވިފައިވާއިރު، މި ފެސިލިޓީއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާއިން އެކްރެޑިޓްކޮށްފައިވާ ރީޖަނަލް ޓްރެއިނިންގް ސެންޓަރަކަށް ހެދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް ކޮމިޝަނަރ ޖެނެރަލް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުޅުދުއްފުއްޓަކީ މި ސަރަހައްދުގެ ރައްޔިތުންނާ ވިޔަފާރިވެރިންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށް ދެމުން އަންނަ ރަށަކަށްވެފައި، މިއަދު މި ހުޅުވުނު ކަސްޓަމްސްގެ ނޯތް ރީޖަނަލް ހެޑް އޮފީހާއެކު ކުޅުދުއްފުށިން ދެމުންގެންދާ ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ތަރައްޤީވެ ފުޅާވެގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި، ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ކުޅުދުއްފުށީ ސިޓީގެ މޭޔަރގެ އިތުރުން ކައުންސިލްގެ މެމްބަރުންނާއި އެމް.އެން.ޑީ.އެފް އަދި ކަސްޓަމްސް ގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ މަސައްކަތް 2017ގައި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ފެށިފައިވާއިރު، މި އިމާރާތް ޤާއިމްކުރުމަށް 16.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވިފައިވެއެވެ. މި 3 ބުރީގެ އިމާރާތުގައި އޮފީސް އޭރިޔާއަކާއި، ރީޖަނަލް ޓްރެއިނިންގ ސެންޓަރެއްގެ އިތުރުން ސްޓާފް އެކަމަޑޭޝަން ބައެއް ޤާއިމް ކުރެވިފައިވެއެވެ.