ޚަބަރު

ސަރުކާރުގެ ތަސައްވުރަކީ ވީހާވެސް ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން: މިނިސްޓަރ މާރިއާ


ސަރުކާރުގެ ތަސައްވުރަކީ އެއްވެސް ތަފާތު ކުރުމެއްނެތި ރައްޔިތުންނާއި ވީހާވެސް ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދެއްވުންކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީ މިހެން ވިދާޅުވީ އުލިގަމުގައި ޤާއިމްކުރި ކަސްޓަމްސްގެ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ހއ. އުލިގަމު ކަސްޓަމްސް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، އުލިގަމު ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލްގެ މެމްބަރުން، އަދި އެމް.އެން.ޑީ.އެފްގެ އިސް އޮފިޝަލުންނާއި ކަސްޓަމްސްގެ އިސް ވެރިންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ މާރިޔާ ވަނީ، ކަސްޓަމްސްއިން އިސްނަގައިގެން އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުތަކުން ނެގޭ ފީތައް ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން އުލިގަމަށް ވަންނަ ޔޮޓްތައް އިތުރުވެ ރަށަށް އެކިގޮތްގޮތުން ފައިދާ އާއި މަންފާ ކުރާކަން ފާހަގަކުރައްވާފައެވެ. އަދި އުލިގަމު ބަނދަރު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްކަން ދެއްވާކަން ފާހަގަކޮށް، ސަރުކާރުގެ ތަސައްވުރަކީ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރަށްތަކަށް ޕްރޮފެޝަނަލްކަމާއެކު ރައްޔިތުންނާ ވީހާވެސް ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދެއްވުންކަމަށް މިނިސްޓަރ މާރިއާ ވިދާޅުވިއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކީ ކަސްޓަމްސްގެ ހީވާގި އޮފިސަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ، މިނިސްޓަރ ވަނީ އޮފިސަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި، އަލަށް ޤާއިމްކުރެވުނު އިމާރާތުގެ މަސައްކަތް މައިގަނޑުގޮތެއްގައި އަމާޒުކުރައްވާނީ އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުތަކަށް ލުއި ފަސޭހަކަމާއެކު އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، މުސްތަޤްބަލްގައި އެސަރަހައްދުގައި ބޮންޑެޑްވެއަރހައުސްގެ ޚިދުމަތް ޤާއިމްކޮށް ސަރަހައްދުގެ ރިސޯރޓްތަކަށް އެ ވެއަރހައުސްތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އުލިގަމު ކަސްޓަމްސް އިމާރާތް ހުޅުވުމާއެކު، އުލިގަމުގައި ސަރުކާރުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ ޤާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތް ކާމިޔާބުވުމަށް މަގުފެހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލްވަނީ ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަޙްމަދު ސަލީމް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޚިދުމަތެއް އުލިގަމުގައި ފުޅާވެގެން ދިޔުމަކީ ރަށުގެ އިތުރުން މި ސަރަޙައްދަށާއި ސަރަޙައްދުން ބޭރަށް، ސީދާގޮތުންނާ ނުސީދާގޮތުން އެތައް ފައިދާއެއް ކުރާނެ މުހިއްމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

5.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން އުލިގަމު ކަސްޓަމްސް އިމާރާތް ޤާއިމްކޮށްފައިވާއިރު، އުލިގަމަކީ ބޭރުން ގިނަ އަދަދެއްގެ ޔޮޓް ފަހަރު ބަނދަރުކުރާ ރަށެކެވެ. އަދި މިކަމަށް އެރަށަށް އިޤްތިޞާދީގޮތުން ނަފާ ލިބިގެންދާއިރު، ކަސްޓަމްސްގެ ޚިދުމަތަކީ އެރަށަށް މުހިއްމު ޙިދުމަތެކެވެ.