ޚަބަރު

އެކައުންޓަށް ވަނީ ހިޔާނާތުގެ ފައިސާކަން އެންގިނަމަ އޭގައި އަތްނުލާން އެނގުނީސް: ޔާމީން


އެސްއޯއެފުން އެކައުންޓަށް ޖަމާކުރި ފައިސާ އިންވެސްޓްކުރީ އެ ފައިސާ ބޭނުންނުކުރުމަށް އޭސީސީން ކުރިން އަންގާފައިނުވާތީކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީނަށް ކުރި 5 އަހަރުގެ ޖަލުޙުކުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގައި މިހާރު ކުރިއަށްދަނީ އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ނުކުތާތައް ހުށައެޅުމެވެ.

3 ބަޔަކަށް ބަހާލައިގެން މިއަދު ބޭއްވި މިމައްސަލައިގެ އަޑުއެހުމުގައި ރައީސް ޔާމީންވަނީ އެސްއޯފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ޗެކާއި އެކަމާއި ގުޅިގެން ދެން އަމަލުކުރެއްވި ގޮތުގެ މައުލޫމާތު ޝަރީޢަތުގެ މަޖިލީހުގައި ހިއްސާކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، އިސްލާމިކް ބޭންކުގައި އޮތް އެމަނިކުފާނުގެ ކަރަންޓު އެކައުންޓަކުން އިންވެސްޓް މަންޓް އެކައުންޓަކަށް އެފައިސާ ޓްރާންސްފަރ ކުރުމަކީ ލޯންޑަރ ކުރުންކަމަށް ނުބެލެވޭނެކަމަށެވެ.

އެމަނިކުފާނު ބޭޏުންފުޅުވީ ސީޔާސީ މަސައްކަތްތަކަށް ފުދޭވެރެއްގެ ފައިސާ އަތަށް ލިބިފައި ހުރުމުން އެފައިސާ ޑޮލަރަށް ހަދައި ރަނގަޅު އިންޓްރެސްޓް ރޭޓެއް ލިބޭ އެކައުންޓެއްގައި ބެހެއްޓުމަށްކަމަށާއި، އެފައިސާގައި އަތްނުލުމަށް ޤާނޫނީ އެއްވެސް އިދާރާއަކުން އަންގާފައި ނުވާކަމަށެވެ.

"އަޅުގަނޑަށް ލިބިފައި ހުރި ފައިސާ މާރުކޮށްފައި ދެތިން ހަތަރު ފަހަރެއްގެ މަތިން ޑިޕޮސިޓްތަކެއް ހެދީ. އެއީކީ ލޭޔަރިންއެއްނޫން. ލޭޔަރިންއަށް ނުވާނީ ކޮންމެ ފަހަރަކުވެސް އަލުގަނޑުމިކުރަނީ ވަކި ޑިޕޮސިޓެއް، ވަކި ޗެކެއް. ފުރަތަމަ އެސްއޯއެފްގެ ޗެކެއް އިސްކާމިކް ބޭންކުގައި ހުރި އަޅުގަނޑުގެ އެކައުންޓަކަށް ދެން އެެހެން ޗެކެއް. ހަމަ އެޗެކު ވިތްޑްރޯ ކުރިގޮތަށް އެތަނުގައި އެބަހުރި" ރައީސް ޔާމީން ވިދާޅުވިއެވެ.

މިވާހަކަތަކާއި ގުޅިގެން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އަލްއުސްތާޒް މަހާޒް އަލީ ވަނީ މައްސަލައިގެ ތަޙްޤީގެއް ހިގަމުންދަނިކޮށް އެފައިސާ ވަކި މުއްދަތެއްގެ ތެރޭގައި އިންވެސްޓްކުރީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.

މިސުވާލުގެ ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ އެއްވެސް ބޭންކައުން ހަފްތާއެއްގެ ތެެރޭގައި ރަނގަޅު ރޭޓެއް ނުލިބޭނެކަމަށާއި، ފައިސާ އިންވެސްޓްކުރަން އިސްލާމިކް ބޭންކާއެކު މަޝްވަރާކުރިއިރު، އޭސީސީން އެކަމާއި ގުޅޭ ވާހަކައެއްވެސް އަދި ތަޙުޤީގު ބަޔާނެއްވެސް ނަގާފައިނުވާކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްގެ ޗެކެއް ވަދެފައިވާކަމަށް އޭސީސީގެ ރައީސް ޙަސަން ލުތުފީ ވިދާޅުވިނަމަވެސް އޭރުވެސް ވިދާޅުވީ އެސްއޯއެފްގެ ޗެކްތައް އެކައުންޓްތަކަށް ޖަމާވެފައިހުރި ވަރަށް ގިނަ ފަރާތްތަކެއްގެ މައުލޫމާތު ހޯދަމުންގެންދާ ވާހަކައެކަނިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އޭރުވެސް ތަޙުޤީގީ ސުވާލެއް އޭސީސީން ނުކުރައްވާކަމަށް ވިދާޅުވިއެވެ.

އިސްލާމިކް ބޭނުންކުގެ އިންވެސްޓްމަންޓް އެކައުންޓަކަށް ފައިސާ ޖަމާކުރީ 2 މަސްވަންދެން އެބޭންކާއެކު މަޝްވަރާ ކުރުމައްފަހުގައިކަމަށާއި، 2016ވަނަ އަހަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާ އިންވެސްޓްމަންޓް އެކައުންޓަށް 2017ވަނަ އަހަރު ޖަމާކޮށްފައިވާއިރު، އެފައިސާގައި އަތް ނުލުމަށް އޭސީސީން އެންގީ 2018 ވަނަ އަހަރުގެ ތެރޭގައިކަމަށެވެ. އެންމެ ފުރަތަމަވެސް ފައިސާގައި އަންނުލާން އެންގިނަނަމަ ނުވަތަ ތަޙްޤީކުރާކަން އެންގިނަމަ އެފައިސާ އިންވެސްޓްނުކުރީސްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެންމެ ފަހަރަކުވެސް އޭސީސީގެ ލުތުފީ އަޅުގަނޑު ގާތުގައި ވިދާޅެއްނުވޭ އެސްއޯއެފުން ރައީސް ޔާމީނަށް ވަދެފައިއޮތީ އެސްއޯއެފުން އެމްއެމްޕީއާރުސީއަށް ވަދެފައިއޮތް ފައިސާއެކޭ. އެމްއެމްޕީއާރުސީގެ ލަފްސު ގެންނެވިނަމަވެސް އަޅުގަނޑަށް ކޮންމެވެސް ވަރަކަށް ކޯޝަންވާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްގެ ފައިސާގައި ގޯހެއް އުޅޭކަމަށް ނުވިސްނުނީ އެކުންފުންޏަކީ އޭރުވެސް އެތައްބަޔާކާއެކު މުއާމަލާތުކޮށް ސަރުކާރުގެ ކުންފުނިތަކާއެކުވެސް މަސައްކަތް ކުރަމުންދިޔަ ކުންފުންޏަކަށްވުމުންކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދަޢުލަތުން ބުނާއިރު އެއްވެސް ލިޔުމަކުން އެކަން ސާބިތު ނުވާ ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތުން މިއަދުވަނީ ސުޕްރީމްކޯޓުގައި އިސްތިއުނާފީ ނުކުތާއެއް ހުށައަޅައި އެކަމާއި ގުޅޭގޮތުން ތަފްސީލީގޮތެއްގައި ވާހަކަދައްކަވާފައެވެ.