ބަންޑާރަ ބިންތަކާ ގުޅޭ މައްސަލަތަކުގައި ޤާނޫނީ ލަފާދިނުމާއި ޝަރީޢަތުގައި ތަމްސީލުކުރުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން ކަނޑައަޅުއްވާފައިވާ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން މިމައްސަލަ އިސްތިއުނާފުކޮށްފައި މިވަނީ އދ. ފެންފުށީން ބަންޑާރަ ބިމަކާ ގުޅޭ ގޮތުން އަމިއްލަ މީހަކު 1987 ވަނަ އަހަރު, ހުށަހެޅި ޝަކުވާއަކާ ގުޅޭ މައްސަލައެއްގައި ހައިކޯޓުން ކުރި ޙުކުމާއި ގުޅިގެންނެވެ.
އޭޖީ އޮފީހުން ވިދާޅުވީ މި މައްސަލަ އިސްތިއުނާފުކުރީ ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞަކަށްވާތީކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ކައުންސިލްތަކުގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކަކީ އެ ކައުންސިލްގެ މިލްކުގެ ތެރޭގައި ހިމެނޭތަންތަން ކަން އެނގެން އޮތުމަކީވެސް މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ސަބަބެއްކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުންވަނީ ރަށްރަށުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ވެސް ދައުލަތް ތަމްސީލު ކުރަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ހައިކޯޓުން ކަނޑައެޅި އެ ޚުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައެވެ.
ފެންފުށީން ބަންޑާރަ ބިމަކާ ގުޅޭ ގޮތުން ކުރިއަށްގެންދިޔަ މިމައްސަލައިގެ ޝަރީއަތުގައި ހައިކޯޓުން ނިންމި ގޮތާމެދު ހުރި ޚިޔާލު ތަފާތުވުންތަކެއް އޮތްކަން އޭޖީ އޮފީހުން ހާމަކޮށްފައިވާއިރު، މިމައްސަލާގައި އިއްވި ޙުކުމުގައި ދަޢުލަތް ތަމްސީލުކުރާމެދު ހައިކޯޓުން ނިންމީ ގާނޫނުއަސާސީ ބަޔާންކުރާ ރާއްޖޭގެ ސަރަަހައްދުގެ ތެރޭ ހިމެނޭ ބިން މިލްކުވަނީ ދިވެހި ދަޢުލަތަށް ކަމަށެވެ.
އެހެންކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިންނޫނީ ބަންޑާރަ ބިންތަކުގެ މައްސަލައެއްގައި ކައުންސިލްތަކަށް ދަޢުލަތް ތަމްސީލު ނުކުރެވޭނެކަމަށް ހައިކޯޓުންވަނީ ނިންމާފައެވެ.