ކުޅިވަރު

ޗެންޕިއަންސް ލީގުގެ ގޫރޫޕް ބީގެ އެއްވަނަ ލިވަޕޫލަށް


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ބީ ގައި ލިވަޕޫލާއި އޭސީ މިލާން ބައްދަލުކުރި މެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު 2 ލަނޑުންނެވެ.

މިމެޗް ފެށުމާއެކު ލިވަޕޫލުންވަނީ މިލާންގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. ނަތީޖާއަކަށްވީ މެޗްގެ 9 ވަނަ މިނެޓްގައި ލިވަޕޫލުން އުފެއްދި ހަމަލާއެއްގައި މިލާންގެ ޑިފެންޑަރ ފިކާޔޯ ޓޮމޯރީ އަތުން ބައިކޮޅަށް ލަނޑެއް ވަދެ ލިވަޕޫލަށް މިމެޗްގައި ލީޑު ލިބުމެވެ. އަދި މެޗްގެ 14 ވަނަ މިނެޓްގައި ލިވަޕޫލަށްވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް މުހަންމަދު ސަލާ ފޮނުވާލި ޕެނަލްޓީވަނީ މިލާންގެ ކީޕަރ މައިކް މައިގްނަން ދިފާއުކޮށްފައެވެ. ލިވަޕޫލްގެ މިހަމަލާތަކާއެކު މިމެޗްގެ ފުރަތަމަ ހާފް ނިމުމުނެ ކުރިން ލިވަޕޫލް މިމެޗްގައި ގިނަ ލަނޑު ތަކެއް ޖަހާނެކަމަށް ހީވި ނަމަވެސް ދެން ފެނިގެންދިޔައީ މިލާނުން ލަނޑެއް ޖަހައި، މެޗްގެ ނަތީޖާ ހަމަހަމަކުރި ތަނެވެ. މިލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ޖަހައިދިނީ އެންޓެ ރެބިޗްއެވެ. އަދި ގިނަ ބަޔަކު ހައިރާން ކޮށްލާ މުޅި ދަނޑަށް ހަމަހިމޭންކަން ގެނުވީ މެޗްގެ 44 ވަނަ މިނެޓްގައި މިލާންގެ ބްރަހީމް ޑިއޭޒް ލަނޑެއް ޖަހައި މެޗްގައި މިލާނަށް ލީޑު ނަގައިދިނުމުންނެވެ. މިމެޗްގެ ދެވަނަ ހާފް ލިވަޕޫލުން ފެށީ ފުރަތަމަ ހާފެކޭ އެއްގޮތަށް ވަރަށް ފޯރީގައެވެ. އަދި މެޗްގެ 48 ވަނަ މިނެޓްގައި ސަލާވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް އެއްވަރު ކޮށްދީފައެވެ. މިމެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ. މިދެޓީމްގެ މެދުގައި ޗެމްޕިއަންސް ލީގުގައި ފޯރިގަދަ މެޗްތަކެއް ކުރިން ފެނިގެން ގޮސްފައިވީ ނަމަވެސް މިއީ މިދެޓީމް ލިވަޕޫލްގެ ދަނޑުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

މިކާމިޔާބީއާއެކު އެންމެ ވާދަވެރި ވާނެކަމަށް ބެލިފައިވާ ގްރޫޕްތަކުގެ ތެރޭގައި ހިމެނޭ ގްރޫޕް ބީގައި ލިވަޕޫލަށް މިވަނީ ތާވަލްގެ އެއްވަނަ ލިބިފައެވެ. މިގްރޫޕގައި ދެން ހިމެނޭ ދެޓީމް ކަމަށްވާ އެތްލެޓިކޯ މެޑްރިޑާއި އެފްސީ ޕޯޓޯ ބައްދަލުކުރިމެޗް ލަނޑެއް ނުޖެހި ވީ އެއްވަރެވެ.