ކުޅިވަރު

ޗެންޕިއަންސް ލީގުގެ ފެށުން ސިޓީން ރަނގަޅުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި މެންޗެސްޓަރ ސިޓީ އާއި އާރްބީ ލިޕްޒިގް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 6 ލަނޑު 3 ލަނޑުންނެވެ.

މިމެޗްގައި ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހާފައިވަނީ ސިޓީގެ ނަތާން އައިކަރއެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިމެޗްގައި ސިޓީގެ ދެވަނަ ލަނޑަކީ ލިޕްޒިގްގެ ޑިފެންޑަރ ނޯޑީ މުކިއެލާ ކީޕަރަށް ޖައްސާލަން އުޅެނިކޮށް ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި ލިޕްޒިގްގެ ކްރިސްޓޮފަރ އެންކުންކޫވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މިގޮތުން އޭނާގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗްގެ 42 ވަނަ މިނެޓްގައެވެ. މިމެޗްގައި ސިޓީގެ ތިންވަނަ ލަނޑު މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ރިޔާދް މަހްރެއިޒްއެވެ. މިމެޗގައި އެންކުންކޫގެ ދެވަނަ ލަނޑު މެޗްގެ 51 ވަނަ މިނެޓގައި ކާމިޔާބުކުރިއިރު ފަހު ލަނޑު ޖަހާފައިވަނީ މެޗްގެ 73 ވަނަ މިނެޓްގައެވެ. މިމެޗުގައި ސިޓީގެ ހަތަރުވަނަ ލަނޑު ޖަހާދިނީ ޗެމްޕިއަންސް ލިގުގައި މުޅިން އަލަށް ކުޅެމުންދިޔަ ޖެކް ގްރީލިޝްއެވެ. އަދި ފަސްވަނަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖޯއޮ ކޮންސޭލޯ ކާމިޔާބުކުރިއިރު ފަހު ލަނޑު 85 ވަނަ މިނެޓްގައި ޖަހައިދިނީ ގެބްރިއެލް ޖޭސުސްއެވެ. މިމެޗްގެ 79 ވަނަ މިނެޓްގައި ކުރިން ސިޓީއަށް ކުޅުނު އެންޖެލީނޯއަށް ވަނީ ދެވަނަ ރިނދޫ ކާޑަކާއެކު ރަތްކާޑު ދައްކާފައެވެ.

މިކާމިޔާބީއާއެކު ސިޓީއިން އެޓީމްގެ ފެށުން ޗެމްޕިއަންސް ލިގުގައި މިސީޒަންގައި މިވަނީ ރަނގަޅު ކޮށްފައެވެ. އަދި މިވަގުތު އޮތީ ޕީއެސްޖީވެސް ހިމެނޭ މިގްރޫޕްގެ އެއްވަނައިގައެވެ.