ވިޔަފާރި

އެމްޑަބްލިއުއެސްސީގެ ސާފު ފައިދާ %5 އިތުރުވެއްޖެ


އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އޭގެ ކުރީއަހަރާ އަޅާ ބަލާއިރު %5 އިތުރުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީން މިކަން ހާމަކުރައްވާފައިވަނީ އެކުންފުނީގެ އަހަރީ އާންމު ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑު ޑިރެކްޓަރުންވަނީ މިދިޔަ އަހަރަކީ ކޯވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަން މުޅިދުނިޔެއަށް ފެތުރިގެން ދިޔަ އަހަރެއް ނަމަވެސް، އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް އެރިއަ ނުދީ ރައްޔިތުންނަށް ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައެވެ.

އަދި ކޯވިޑްގެ ނުރައްކާތެރި ޙާލަތާ ގުޅިގެން ދިމާވި ތަފާތު އެކިއެކި ގޮންޖެހުންތަކާއެކުގައިވެސް، މިދިޔަ އަހަރަކީ އެކުންފުންޏަށް ކާމިޔާބު އަހަރެއް ކަމަށާއި، 2019ވަނަ އަހަރާ އާޅާބަލާއިރު މިދިޔަ އަހަރު އެމް.ޑަބް.ލިއު.އެސް.ސީއަށް ލިބުނު ސާފު ފައިދާގެ ޢަދަދުވަނީ %5 އިތުރުވެފައި ކަމަށްވެސް އެކުންފުނީގެ ބޯޑުން ފާހަގަކުރައްވައެވެ.

އެމްޑަބްލިއުއެސްސީން ވިދާޅުވީ މިކާމިޔާބީއާއި ކުރިއެރުން ހާސިލް ކުރެވިފައިވަނީ، ކުންފުނީގެ މެނޭޖްމަންޓުން، ކުންފުނި ހިންގުމުގައާއި ޚަރަދު ކުޑަކުރުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާއި ކުންފުނީގެ އެންމެ މުހިންމު ރައުސުލްމާލު ކަމުގައިވާ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.

2020ވަނަ އަހަރު އެމްޑަބްލިއުއެސްސީގެ ފައިދާ އިތުރުވެގެން ގޮސްފައިވާއިރު، ކުންފުނީގެ ޚިދުމަތްތައް އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ކުންފުނީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމާއި މީހުންބިނާ ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް ވަނީ ރާވާފައެވެ.

ކުންފުނިން ދެމުންގެންދާ ޚިދުމަތުގެ ޔަޤީންކަން އިތުރުކުރުމަށްޓަކައި، މާލޭގެ އޮޕަރޭޝަން ސެންޓަރ ޑިސެންޓްރަލައިޒް ކުރެވި، އިތުރު 2 ސަރަހައްދެއްގައި ފެން ޕްލާންޓް ޤާއިމް ކުރެވިފައިވާއިރު، އިތުރު ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމާއި މާލެއާއި ހުޅުހުމާލޭގެ ފެނުގެ ނެޓްވޯރކް ގުޅާލުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

އަދި ރާއްޖެގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް ކުންފުނިން އަނަނީ ހިންގަމުންނެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްވެސް އެކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޯވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި އެމްޑަބްލިއުއެސްސީގައި ސީއެސްއާރު ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.