ޚަބަރު

އދ.ގައި ރާއްޖޭގެ ދަތުރު، ކާމިޔާބުކަމާއެކު އެންމެ އުހަށް


އެކުވެރި ދައުލަތްތައް (އދ)ގެ މެމްބަރަކަށް ރާއްޖެ ވެފައިވަނީ 1965ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 21ވަނަ ދުވަހު މި ގުޅުމަށް 56އަހަރު ފުރޭނެއެވެ. ވޭތުވެދިޔަ 56އަހަރުދުވަހު ރާއްޖެއިން ވަނީ އދ.ގައި ކާމިޔާބު މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި ވޭތުވެދިޔަ 56 އަހަރުދުވަހު ރާއްޖެއިން ވަނީ އދ.ގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ކުދި ޖަޒީރާ ޤައުމެއްގެ ޙައިސިއްޔަތުން ރާއްޖެއިންވަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ދުނިޔޭގެ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން ރާއްޖެއަކީ އދ.ގެ މެމްބަރަކަށްވި އެންމެ ފުރަތަމަ އެއް ގައުމެވެ.

ފުރަތަމަ އދ.ގައި ރާއްޖެ ބައިވެރިވިއިރު އެޖަމްޢިއްޔާގެ އެޖެންޑާގައި ކަނޑައަޅާފައިވާ ކަންކަން ރާއްޖެއަށް ފުރިހަމަ ނުކުރެވޭނެކަމަށް ބައެއް ޤައުމުތަކުން ދެކުނެވެ. އޭރު ދުނިޔޭގެ ބައެއް ޤައުމުތަކުގެ ޚާރިޖީ ބޭފުޅުން މިމޭރުމުން ވާހަކަދެއްކެވިކަމަށް ރާއްޖޭގެ ޚާރިޖިއްޔާގެ އޭރުގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

އެހެންނަމަވެސް ވޭތުވެދިޔަ 56 އަހަރުގެ ތެރޭގައި ރާއްޖެއިން ވަނީ އދ.ގެ އެޖެންޑާގައި ހިމެނާފައިވާ އެތައް ކަމެއް ފުރިހަމަކޮށް ދުނިޔެއަށް ނަމޫނާ ދައްކާފައެވެ. ދުނިޔޭގެ ސުލްޙަޔާއި އަމާންކަމަށްތަކައި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަންނަނީ ކެރިގެން ބަސްބުނަމުންނެވެ. ޖެހުލުމެއްނެތި ވަކާލާތުކުރަމުންނެވެ.

އދ.ގައި ރާއްޖެއިން ކޮށްފައިވާ މިހިންމު މަސައްކަތްތަކަށް ބަލާއިރު ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ކޮށްފައިވާ އެތައް މަސައްކަތެއް ފާހަގަކޮށްލެވެއެވެ. އެގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި މި ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް އދ.ގެ ސަމާލުކަމަށް ގެނައުން ފާހަގަކޮށްލެވެއެވެ. ކުދި ޤައުމުތަކަށް ދިމާވާ މިދެންނެވިފަދަ އެތައް މައްސަލަތަކަކަށް، ހައްލު ހޯދައި އދ.ގައި ކުދި ޤައުމުތަކުގެ އަޑު އިއްވައިދިނުމަށްޓަކައި އދ.ގައި އުފެއްދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސިސް) އުފެއްދުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާ ހމައަށް މި ޖަމިއްޔާގެ ޗެއާމަންގެ ދައުރު ރާއްޖެއިން އަދާކުރިއެވެ. މިއީ 39 މެމްބަރު ޤައުމާއި އޮބްޒާވަރުންގެ ގޮތުގައި އިތުރު 5 ޤައުމު ހިމެނޭ އެލަޔަންސެކެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި 2011އިން 2013 އަށް އަދި 2014އިން 2016އަށް ރާއްޖެއިން ދެ ދައުރު ފުރިހަމަކުރިއެވެ. މިއީ އިންސާނީ ހައްގުތަށް ދެމެހެއްޓުމަށް އދ.ގެ ޗާޓަރާ އެއްގޮތަށް ރާއްޖެއިން މަސައްކަތްކުރާ މިންވަރު ދަލީލުކޮށްދޭ ކަމެކެވެ. އަދި 2019ވަނަ އަހަރު އދ. ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ކުރިމަތިލިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތްފަހުން އދ.ގައި ރާއްޖެއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ޙާސިލްކޮށްފައެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ އދ.ހެ ޢާއްމު މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުކުރުމެވެ.

އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ދައުރުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތީ މިދިޔަ ޖޫންމަހުގެ 7ވަނަ ދުވަހުއެވެ. މި ސެޕްޓެމްބަރުމަހުގެ 15ވަނަ ދުވަހު ރަސްމީކޮށް ޝާހިދު މަޤާމާ ޙަވާލުވެވަޑައިގަތުމާއެކު މިހާރު ރާއްޖެއަކީ އދ.ގެ 193 ޤައުމު ހިމެނޭ ޢާއްމު މަޖިލީހުގެ ރިޔާސަރު ބަލަހައްޓާ ޤައުމެވެ.

މިމަޤާމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާ ވާދަކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލެވެ. މި އިންތިޚާބުގައި އދ.ގެ ޢާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ޤައުމުން ވޯޓުލާފައިވަނީ ސިއްރުންނެވެ. ޝާހިދަށް ލިބިވަޑައިގަތީ 143 ވޯޓެވެ. ޑރ.ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ. މިއީ ރާއްޖެއަށް ބައިނަލްއަޤުވާމީ ދުނިޔޭގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި އޮތް ކުޑަކުޑަ ދިވެހިރާއްޖެ އދ.ގައި ބައިވެރިވުމަށް 1965ވަނަ އަހަރު ކުރި މަސައްކަތަށް ބައެއް ބޮޑެތި ޤައުމުތަކުން އޭރުކުރީ މަލާމާތެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ މުއްސަނދި ބޮޑެތި ބާރުގަދަ ޤައުމުތަކާ އެއް މަޖިލީހެއްގައި މަސައްކަތް ކުރުމަށްވުރެ ދަށް ފަންތީގެ ޤައުމެއްގެގޮތުގައި އެފަދަ ބައެއް ޤައުމުތަކުގެ ޑިޕޮމެޓުން އޭރު ދުއްޓެވެ. ގޮންޖެހުންތަކާއި މަލާމާތާއި ތަފާތުކުރުންތަކާ ދެކޮޅަށް ރާއްޖެއިން ނުކުތީ ވަރުގަދަ ޢަޒުމެއްގައެވެ. އަމާޒަށް ވާސިލްވުމުގެ ހިތްވަރާއެކުގައެވެ. ނަތީޖާއަކީ އޭގެ 56 އަހަރުފަހުން މިއަދު ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ލިޑަރެވެ. އދ.ގެ ޢާއްމު މަޖިލީހުގެ ރިޠާސަތެވެ. އެމަޖިލީހުގެ މިހާރުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވުފަދައިން ދިވެހި ދިދަ މިއަދު ވިހުރެމުންދަނީ ދުނިޔޭގެ އެންމެ އުސް ކުރިބޯށީގައި ފަޚުރުވެރިކަމާއެކުއެވެ.