ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ސީގައި ސްޕޯޓިންގ ލިޒްބަން އާއި އަޔެކްސް އެމްސްޓަޑަމް ބައްދަލުކުރިމެޗް އަޔެކްސް ކާމިޔާބުކޮށްފިއެވެ. ސްޕޯޓިންގ ގެ ދަނޑުގައި ކުޅުނު މިމެޗް އަޔެކްސް ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 5 ލަނޑު އެއްލަނޑުންނެވެ.
މިމެޗްގައި އަޔެކްސްގެ ސެބަސްޓިއަން ހެލަރވަނީ ހަތަރު ލަނޑު ޖަހާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ދެވަނަ މިނެޓްގައި ހެލަރ ޖެހިއިރު ދެވަނަ ލަނޑު ޖަހާފައިވަނީ މެޗްގެ 9 ވަނަ މިނެޓްގައެވެ. މިމެޗްގައި ސްޕޯޓިންގ އިން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗްގެ 33 ވަނަ މިނެޓްގައި ޕޮއުލީނިއޯއެވެ. ނަމަވެސް މިލަނޑު ޖެހިތާ 6 މިނެޓްފަހުން އަޔެކްސްގެ ސްޓީވަން ބަރގުއިސް ވަނީ އެޓީމަށް ދެލަނޑުގެ ލީޑު ނަގައިދީފައެވެ. މިމެޗްގައި ހެލަރ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗްގެ 51 ވަނަ މިނެޓްގައި ޖެހި ލަނޑާއެކުއެވެ. އަދި މިމެޗްގައި އަޔެކްސްގެ ފަހު ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހައިދިނީވެސް ހެލަރއެވެ. މިހަތަރު ލަނޑާއެކު އޭނާ ވެފައިވަނީ ކުޅުނު ފުރަތަމަ މެޗްގައި ހަތަރު ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއަށް ވެފައެވެ. ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗްގައި މީގެކުރިން ހަތަރު ލަނޑު ޖަހާފައިވާ ހަމައެކަނި ކުޅުންތެރިޔަކީ 1992 ވަނަ އަހަރު އޭސީ މިލާންގެ މާކޯ ވެން ބަސްޓަންއެވެ.
މިކާމިޔާބީއާއެކު އަޔެކްސް މިހާރު އުޅެނީ މިމެޗުން ލިބުނު ތިން ޕޮއިންޓާއި ފައިދާ ތިން ގޯލާއެކު ގްރޫޕް ސީގެ އެއްވަނައިގައެވެ. ދެވަނައިގާ އުޅެނީ ބެކިސްޓާސް އާއި ރޭ ބައްދަލުކޮށް 2 ލަނޑު އެއްލަނޑުން މޮޅުވި ބޮރޫޝިޔާ ޑޯޓްމުންޑްއެވެ.