ވިޔަފާރި

ސާފުނުކުރާތެޔޮ ހޯދުމަށްކުރެވެނު މަސައްކަތުގެ ނަތީޖާ ރަނގަޅު


ސަޢުދީ އަރަބިޔާއިން ރާއްޖެއަށް ސާފުނުކުރާ ތެޔޮ ހޯދުމަށް ކުރެވުނު މަސައްކަތުގެ ދަށުން ވަރަށް ރަނގަޅު ނަތީޖާއެއް ލިބިފައިވާކަމަށް އިކޮނޮމިކް ކައުންސިލްގެ ކޯޗެއަރ އަދި ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.



އިކޮނޮމިކް ކައުންސިލުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި މައުލޫމާތުދެއްވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، ސާފުނުކުރާ ތެޔޮ ހެޔޮއަގެއްގައި ހޯދުމަށް ކުރެވޭ މަސައްކަތުގެ ދަށުން ސަޢުދީން ބޭނުންވާ ލިއުން ލިބި އަންނަ ހަފްތާތެރޭ މިކަމުގެ ތަފްޞީލްތައް ހާމަކުރައްވާނެކަމަށެވެ.



ޑރ ޝައިނީ ވިދާޅުވީ މިކަމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެންމެފަހުން ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ރަސްގެފާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެއްބަސްވެވަޑައިގެންފައިވާ ކަމެއްކަމަށެވެ.



އެދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ރައީސް މާލެވަޑައިގެން ފާލަންމަތީ އެމައުލޫމާތުތައް ދެއްވަން ހަމަޖެހިފައި އޮތްކަމަށާ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަވާހާރަކޮށްލުމަށް ލޯންޗްކޮޅުގައި ބޮންގޮއްވާލި ހާދިސާއާ ގުޅިގެން އެކަން ހާމަނުކުރެއްވީ ކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި އޭރު ކަމާބެހޭ ހުރިހާ ލިޔެކިއުންތަކެއްވެސް ސައުދީއަށް ފޮނުއްވާފައިވާކަމަށް އެނގިވަޑައިގަނެފައިވީ ނަމަވެސް އެލިޔެކިޔުންތައް ނުފޮނުއްވާއޮތްކަން ފަހުން އެނގިވަޑައިގެންފައިވާކަމަށާ އެހެންކަމުން އަލުން ސަރުކާރަށް އެމަސައްކަތްކުރައްވަން ޖެހިވަޑައިގެންނެވިކަން ޑރ ޝައިނީ ފާހަގަކުރެއްވިއެވެ.



ސާފުނުކުރާ ތެޔޮ ހެޔޮއަގުގައި ރާއްޖެއަށް ހޯދުމުގެ މަސައްކަތް މި ކުރެވެނީ، މިދާއިރާގައި  ދުނިޔޭގެ އެންމެބޮޑެތި ކުންފުނިތަކާއެކުގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.