ޚަބަރު

އީސީގެ ރައީސްކަމަށް އަނެއްކާވެސް ފުވާދު


އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރު ފުވާދު ތައުފީޤް އިންތިޚާބު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ފުވާދު ރައީސްކަމަށް އިންތިޚާބު ކޮށްފައިވަނީ އެކޮމިޝަނުގެ މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އެކޮމިޝަނުގެ ރައީސްގެ މަގާމު މިދިޔަ ޖޫން މަހު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން ކޮމިޝަން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވީ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.

އިންތިޤާލީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައިވާ ފުވާދު ތަޢުފީޤްވަނީ 2009ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2014ވަނަ އަހަރުގެ މާޗްމަހާ ހަމައަށް އެކޮމިޝަނުގެ ރައީސްކަން ކުރައްވާފައެވެ.

އޭގެފަހުން އެކޮމިޝަންގެ ރައީސް ކަމުން ފުވާދު ވަކިކުރީ ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަންގަވައިގެން މައްސަލައެއް ބަލައި އިއްވި ހުކުމަކަށް ފަަހުއެވެ. އެފަހަރު، ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވިކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ހަމަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އަދި ފުވާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެކަމަށް ވެސް ކޯޓުން ކަނޑައެޅިއެވެ. ނަމަވެސް ޖަލުޙުކުމް ތަންފީޒު ކުރައްވާކަށް ޖެހިވަޑައެއް ނުގަތެވެ.

ޤާނޫނުގައިވާ ގޮތުން އިލެކްޝަން ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް މެންބަރުކަމުން އިސްތިޢުފާ ދެއްވައިފިނަމަ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މެންބަރަކު އައްޔަންކުރަންޖެހެއެވެ. އެހެން ނަމަވެސް 60 ދުވަހުގެ ތެރޭގައި މެންބަރަކު އައްޔަން ނުވާނަމަ ކޮމިޝަންގައި ތިބި 4 މެންބަރުންގެ މެދުގައި ނަގާވޯޓަކުންވެސް ކޮމިޝަނުގެ ރައީސް ކަނޑައެޅިދާނެއެވެ.