ޚަބަރު

އެމްއާރްއެމްގެ ޒައީމުކަމަށް ރައީސް މައުމޫން ކުރިމަތިލައްވައިފި


މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ޒައީމުކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރިމަތިލައްވައިފިއެވެ. އެމްއާރުއެމް އުފެއްދެވި ރައީސް މައުމޫން އެޕާޓީގެ ޒައީމްކަމަށް ވަދާކުރެއްވުމަށް ފޯމު ހުށައަޅާފައިވަނީ މިއަދުއެވެ.

އެމްއާރުއެމްގެ ފުރަތަމަ ޤައުމީ ޖަލްސާ އަންނަ މަހުގެ 2ގައި ބާއްވަން އެޕާޓީން ނިންމާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެމްއާރުއެމުން ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމާއި ޕާޓީގެ ރައީސްގެ މަޤާމު ހިމެނެއެވެ. ރާއްޖޭގައި މިހާރު ހިންގަމުން އަންނަ އެއްވެސް ސިޔާސީ ޕާޓީއެއްގައި ޒައީމްގެ މަޤާމެއް ނޯވެއެވެ.

ޕާޓީގެ އެންމެ އިސް ދެ މަޤާމުގެ އިތުރުން ޕާޓީގެ ނާއިބް ރައީސްގެ މަޤާމަށް އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މީގެ އިތުރުން އެގްޒެކްޓިވް ކޮމެޓީއަށް ހަމަހަމަ އުސޫލުން އަންހެން އަދި ފިރިހެނުން ހިމެނޭ ގޮތަށް 20 މެންބަރަކު އިންތިޚާބު ކުރަންވެސް އެމްއާރުއެމުން ވަނީ ނިންމާފައެވެ.

މިމަޤާމުތަކަށް އެމްއާރުއެމްގެ އަސާސީ ޤަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތު ހަމަވާ މެމްބަރުން މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގައެވެ. އަދި އެޕާޓީގެ މަޤާމުތަކަށް ވަގުތީ ގޮތުން މީހުން އައްޔަންކޮށްފައިވަނީ ޤައުމީ ޖަލްސާއެއް ބާއްވެންދެންނެވެ. އެމްއާރުއެމުން ބުނީ ކޯވިޑާއި ގުޅިގެން އެޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ލަސްތަކެއްވެފައިވާކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތުމުން ޤައުމީ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތު އަދި ހަމަނުވާކަމަށްވެސް އެޕާޓީން ބުނެއެވެ.

އެމްއާރުއެމުން އެޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ އޮންލައިންކޮށެވެ. އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.