ޚަބަރު

ރާއްޖެއިން އަލަށް ފެނުނު މަހަށް "އަސުރުމާ ބުރެކި" ކިޔައިފި


މިދިޔަ މަހު ދިވެހި މަސްވެރިޔަކު ބޭނި،
ދުނިޔެއިން ވެސް މަދުން ނޫނީ ފެނިފައި ނުވާ ވައްތަރުގެ މަހަށް "އަސުރުމާ
ބުރެކި" ނަމުން ނަން ދީފި އެވެ.



އިނގިރޭސީ ބަހުން
"މެގަންތިއަސް ފިލިފެރަސް"ގެ ނަން ދީފައިވާ މަހަށް ދިވެހި ނަމެއްގެ
ގޮތުގައި "އަސުރުމާ ބުރެކި" ނަން ދިނީ މަހުގެ ކުލަ އާއި މަހުގެ
ސައިންޓިފިކް ނަމާއި އާއިލާއަށް ނިސްބަތްކޮށްގެން ކަމަށް މެރިން ރިސާޗު ސެންޓަރުން
ބުންޏެވެ. މިއީ މިވައްތަރުގެ މަހެއް ރާއްޖޭން ފެނުނު
ފުރަތަމަ ފަހަރެވެ.



 ކ. ގާފަރު ކަނޑުއޮޅީގެ 200 މީޓަރެއްހާ ބޭރުން
500 މީޓަރުހާ އަޑިން، މިމަސް ބޭނީ، ރ. ރަސްގެތީމު، ދޯދިލަ، ހަސަން ލަތީފެވެ.



މިދިޔަ މަހުގެ ދެވަނަ ދުވަހު
މިމަސް ބޭނުމަށްފަހު ރިސޯޓަކަށް ވިއްކުމަށް ދިއުމުން އެ ރިސޯޓުގެ ފަތުރުވެރިއަކު
އެ މަސް ބޮޑު އަގުގައި ގަތުމަށް ހުށައަޅާފައި ވެއެވެ. އެހެން ނަމަވެސް އޭނާ އެ
މަސް ނުވިއްކައި މާލެ ގެނެސް ރައްޓެއްސަކު މެދުވެރިކޮށް ރާއްޖޭން އާންމުކޮށް
ނުފެންނަ ބާވަތެއްގެ މަހެއް ފެނިގެން އުޅޭ ކަމުގެ މަޢުލޫމާތު މެރިން ރިސަރޗް
ސެންޓަރާއި ހިއްސާ ކުރި ކަމަށް އެސެންޓަރުން ބުންޏެވެ.



" މި މައުލޫމާތު ލިބުމުން
މެރިން ރިސާރޗް ސެންޓަރުގެ މުވައްޒަފުން މާލޭ މަސްރުކޭޓަށް ގޮސް ހަސަން ލަތީފާއި
ބައްދަލުކޮށް މަހުގެ ފޮޓޯނަގައި އިތުރު މައުލޫމާތު ސާފުކުރިއެވެ. މެރިން ރިސާޗް
ސެންޓަރުގެ އެދުމުގެ މަތިން ހަސަން ލަތީފް ވަނީ މި މަސް މެރިން ރިސާޗް ސެންޓަރަށް
ހަދިޔާކޮށްފަ އެވެ. ހަސަން ލަތީފަށް މިމަސް ބޮޑު އަގުގައި ވިއްކުމުގެ ފުރުސަތު
ލިބިފައި ވަނިކޮށް އެފުރުސަތު ދޫކޮށް ލައްވައި މިމަސް މާލެ ގެނެސް ކަމާބެހޭ
ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވާފައިވާތީ އެކަން ޝުކުރުވެރި ކަމާއެކު މި
ސެންޓަރުން ފާހަގަ ކުރަމެވެ. " މެރިން ރިސާޗު ސެންޓަރުން މިކަމާ ބެހޭ ގޮތުން
ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.



އަސުރުމާ ކުލައިގެ މި މަސް، ކުނިނުވާނެ ގޮތަށް މިހާރު ވަނީ
މެރިން ރިސާޗު ސެންޓަރުގައި ބާއްވާފައެވެ.