ޚަބަރު

ހައިޓީގެ ރައީސް އަވަހާރަކޮށްލުމުގެ ތުޙްމަތު ބޮޑުވަޒީރަށް؟


ހައިޓީގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލި މައްސަލައިގައި އެ ޤައުމުގެ އައު ބޮޑުވަޒީރު އެރިއެލް ހެންރީއާ ދެކޮޅަށް ދަޢުވާކުރުމަށް އެ ޤައުމުގެ ޗީފް ޕުރޮސެކިޔުޓަރ މަސައްކަތް ފެށުމުން އޭނާ މަޤާމުން ދުރުކޮށްފިއެވެ.

ހައިޓީގެ ޗީފް ޕުރޮސެކިޔުޓަރ ބެޑު-ފޯޑު ކުލޯޑު ތުޙްމަތުކުރެއްވި ގޮތުގައި މުއީސް އަވަހާރަކޮށްލުމުގައި ބައިވެރިވި އިސް މީހަކާ ހެންރީވަނީ އޭގެ އެއް ދުވަސްކުރިން މުޢާމަލާތްތަކެއް ކުރައްވައިފައެވެ. އެހެންކަމުން ކުލޯޑުވަނީ މުއީސް އަވަހާރަކޮށްލި މައްސަލައިގައި ހެންރީގެ މައްޗަށްވެސް ދަޢުވާކޮށްދެއްވުމަށް އެ މައްސަލަ ބައްލަވައި ފަނޑިޔާރުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ޤައުމު ދޫކުރައްވައި ހެންރީ ވަޑައިގަތުން ހުއްޓުވައިދެއްވުމަށްވެސް ކުލޯޑުވަނީ ފަނޑިޔާރުގެ ކިބައިން އެދިވަޑައިގެންފައެވެ.

ޖުލައި މަހުގެ 7ވަނަ ދުވަހު މުއީސްގެ އަމިއްލަ ގެކޮޅަށް ހަތިޔާރުއެޅި ބަޔަކު ޙަމަލާދިނުމަށް އޭނާ އަވަހާރަކޮށްލުމުން ޤައުމު ހިންގަވާފައިވަނީ ވަޤުތީ ބޮޑުވަޒީރު ކުލޯޑު ޖޯސެފުގެ މޭސްތިރިކަމުގެ ދަށުންނެވެ. މުއީސް އަވަހާރަކޮށްލުމުގެ ދެ ދުވަސްކުރިން އޭނާވަނީ ބޮޑުވަޒީރުގެ މަޤާމަށް ހެންރީ ޢައްޔަންކުރައްވަން ނިންމަވައިފައެވެ. ހައިޓީގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހެންރީ ޢައްޔަންކުރުމަށް މަގުފަހިކުރުމަށް ޖޯސެފުވަނީ ޖުލައި 19ވަނަ ދުވަހު އެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ޢުމުރުފުޅުން 71 އަހަރުގެ ހެންރީ ވިދާޅުވީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޤައުމަށް ހަމަޖެހުންގެންނަވަންކަމަށެވެ.

ހައިޓީގެ ރައީސް މުއީސް އަވަހާރަކޮށްލި މައްސަލައިގައި 40 މީހުންވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކޮލަންބިޔާގެ އަސްކަރިއްޔާގައި ޚިދުމަތްކޮށްފައިވާ 18 ސިފައިންވެސް ހިމެނެއެވެ.