ޚަބަރު

ޠާލިބާނުންގެ ވަރުގަދަ ބަހުގެ ޙަމަލާތަކެއް އެމެރިކާއަށް


އަފްޣާނިސްތާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުން އެމެރިކާއަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް ދީފިއެވެ.

އަފްޣާނިސްތާނުގެ ވެރިކަމަށް ދެވަނަ ފަހަރަށް ޠާލިބާނުން އައުމަށްފަހު އެކުލަވާލި ސަރުކާރުގައި ހިމެނިވަޑައިގަންނަވައި އެ ޤައުމުގެ އައު ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަޤީ ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ އެ ޖަމާޢަތާ ދެކޮޅަށް އެމެރިކާއިން އަމަލުކުރަމުންދާ ގޮތުގެ ސަބުބުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން މުއްތަޤީ ވިދާޅުވީ އޮގަސްޓު 15ވަނަ ދުވަހު ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމަށްފަހު އޮގަސްޓު 30ވަނަ ދުވަހު އެމެރިކާގެ ފައުޖުތައް އެ ޤައުމުން ފޭބުމާ ދޭތެރޭ އެ ޖަމާޢަތުން ކަންތައް ކޮށްފައިވަނީ ވަރަށް ރަނގަޅަށްކަމަށާއި އެ ޖަމާޢަތުން އެމެރިކާއަށް އެއްބާރުލުން ދިންކަމަށެވެ. ނަމަވެސް އަފްޣާނިސްތާނުން ފޭބުމަށްފަހު އެމެރިކާއިން އިސްކޮށްފައިވަނީ ޢަދާވާތްތެރިކަންކަމަށާއި އަފްޣާނިސްތާނުގެ ފައިސާއާއި މުދާތައް އެމެރިކާއިން ހިފަހައްޓައި ދަތިކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއްވެސް ޤައުމަކުން އަފްޣާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުޞަތު ޠާލިބާނުން ނުދޭނެކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

ބޭރު ޤައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ ފައިސާއާއި މުދާތައް ހިފަހެއްޓުމުން އެ ޤައުމަށްވަނީ އިންސާނީ ކާރިޘާއަކާ ކުރިމަތިލާން ޖެހި އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓިފައެވެ. އެމެރިކާގެ އިތުރުން ވޯލްޑު ބޭންކުންނާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުންވަނީ އަފްޣާނިސްތާނުގެ ފައިސާއާއި މުދާތައް ހިފަހައްޓައިފައެވެ.