ދުނިޔޭގެ ވިޔަފާރި

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް ދޭ މުސާރަ އެމެޒޯންއިން އިތުރުކޮށްފި


އޮންލައިން ވިޔަފާރިކުރާ އެމެޒޯން ކުންފުނީގެ ފަށާ މުސާރައިގެގޮތުގައި މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 18 ޑޮލަރު ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

މިއާއިއެކު ކުންފުނީގެ އެމެރިކާގެ ގުދަންތަކަށާއި ދަތުރުފަތުރުގެ މަސައްކަތަށް އިތުރު 125000 މުވައްޒަފުން ނެގުމަށް ނިންމާފައިވާކަމަށްވެސް އެމެޒޯންއިން ބުނެއެވެ.

ޚަބަރުތައް ބުނާގޮތުން އެމެޒޯންގެ ބައެއް ސަރަޙައްދުތަކުގައި ހުންނަ އޮފީސްތަކަށް ސައިން އިން ބޯނަސްގެ ގޮތުގައި 3000 އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައިވާއިރު އަނެއްބައި ސަރަޙައްދުތަކުގައި މުވައްޒަފުން މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް މުސާރައިގެގޮތުގައި 22.50 އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައިވެއެެވެ.

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 17 އެމެރިކާ ޑޮލަރު ދޭނެކަމަށް އެމެޒޯންއިން މީގެކުރިން ބުނެފައިވާއިރު އެމެޒޯން އަކީ 2018 ވަނަ އަހަރުން ފެށިގެން މުވައްޒަފުން މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 15 ޑޮލަރަށްވުރެ މަދުނުވާގޮތަށް މުސާރަ ދޭންފެށި މަދު ރީޓެއިލް ވިޔަފާރިތަކުގެ ތެރެއިން އެއް ވިޔަފާރި ކުންފުންޏެވެ.

މުވައްޒަފުން އިތުރަށް ހޯދުމުގެ މަސައްކަތް އެމެޒޯން މިހާރު ފަށާފައި މިވަނީ އެކުންފުނިން އެމެރިކާގައި މި މަހު ހުޅުވަން ހަމަޖެހިފައިވާ 100 ލޮޖިސްޓިކް ފެސިލިޓީގައި މަސައްކަތްކުރުމަށެވެ. އަދި މިއަހަރު ކުރީކޮޅު ހުޅުވާފައިވާ 250 އައުޓްލެޓަށްވެސް މުވައްޒަފުން ވަނީ ބޭނުންވެފައެވެ.

ވަޒީފާގެ ބާޒާރުގައި މުވައްޒަފުން ލިބުން ދަތިކަމާއި ހުރެ މުވައްޒަފުން ޝައުޤުވެރި ކުރުވުމުގެ ގޮތުން ގިނަ ކުންފުނިތަކަކުން ވަނީ ތަފާތު އެކި ކަހަލަ އިނާޔަތްތައް މުވައްޒަފުންނަށް ހުށަހަޅާފައެވެ.