ދުނިޔޭގެ ވިޔަފާރި

އިންޑޮނޭޝިއާއިން މުދާ ބޭރުކޮށް، އެތެރެކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކޮށްފި


އިންޑޮނޭޝިއާގައި އުފައްދާ މައިގަނޑު ތަކެތި ކަމުގައިވާ ކޯލް އާއި ކައްކާ ތެލުގެ އަގު އުފުލުމާއިއެކު އެ ޤައުމުން މުދާ ބޭރުކޮށް، އެތެރެކުރާ މިންވަރު އޯގަސްޓްމަހު އިތުރުވެގެންދާނެކަމަށް ރޮއިޓާސް ޕޯލަކުން ދައްކައިފިއެވެ.

އޯގަސްޓްމަހު އިންޑޮނޭޝިއާއިން މުދާ ބޭރުކުރި މިންވަރު އޭގެ ކުރީ މަހާ އަޅާބަލާއިރު ވަނީ 29.32 އިންސައްތައިން 36.9 އިންސައްތައަށް ކުރިއަރާފައެވެ. އަދި އޯގަސްޓްމަހު އެ ޤައުމަށް މުދާ އެތެރެކޮށްފައިވާ މިންވަރު ވަނީ 45.1 އިންސައްތައަށް ކުރިއަރާފައެވެ. އޭގެ ކުރިން ޖުލައިމަހު މުދާ އެތެރެކޮށްފައިވާ މިންވަރަކީ 44.44 އިންސައްތައެވެ.

މީގެއިތުރުން އުފެއްދުންތަކުގެ އަގުބޮޑުވެ ދުނިޔޭގެ އިޤްޠިޞާދުވެސް ކުރިއަރައިގެންދިއުމާއެކު އިންޑޮނޭޝިއާއިން މުދާ ބޭރުކުރާ މިންވަރު އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އަދިވެސް އިތުރުވެގެންދާނެކަމަށް ބައެއް މާހިރުން ދެކެއެވެ. މިއާއެކު އޯގަސްޓްމަހުން ފެށިގެން އިންޑޮނޭޝިއާގައި ކޯވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައި އޮތުމުގެ ސަބަބުން އެ ޤައުމަށް މުދާ އެތެރެކުރާ މިންވަރުވެސް އިތުރުވެގެންދާނެކަމަށް މާހިރުން ލަފާކުރައްވައެވެ.

ނަމަވެސް ރޮއިޓަސްގެ ޕޯލްއިން ދައްކާގޮތުގައި އިންޑޮނޭޝިއާގެ ވިޔަފާރި ޖުލައިމަހު 2.59 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުމަށްފަހު މި ޢަދަދު އޯގަސްޓްމަހު ވަނީ 2.36 ބިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ.

ބައެއް އުފެއްދުންތަކުގެ އަގުބޮޑުވުމުގެ ސަބަބުން މުދާ ބޭރުކުރާ މިންވަރު އިތުރުވެ ދެކުނު އިރުމަތީ އޭޝިއާގައި އެންމެ ބޮޑު އިޤްޠިޞާދެއް އޮންނަ އިންޑޮނޭޝިއާގެ ވިޔަފާރިތައް ވަނީ މިދިޔަ އަހަރުގެ މެއިމަހުން ފެށިގެން ކުރިއަރަން ފަށާފައެވެ.