ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އާއި އެޓަލާންޓާ ބައްދަލުކުރިމެޗް އެއްވަރު


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެފް ގައި އެންމެފަހުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ވިޔަރެއާލް އާއި އެޓަލާންޓާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު އެޓަލާންޓާއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ވިޔަރެއާލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހައިފައިވަނީ އެޓަލާންޓާގެ ރޭމޯ ފްރުއެލާއެވެ. ނަމަވެސް ވިޔަރެއާލްއިން ވަނީ މެޗްގެ 39 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މާނޫ ޓްރިގުއެރޯސްއެވެ. އަދި މިމެޗްގައި ވިޔަރެއާލްއިން ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗްގެ 73 ވަނަ މިނެޓްގައި އާރނޯޓް ޑެންޖޫމާ ޖަހައިދިން ލަނޑުންނެވެ. މިލަނޑާއެކު މިމެޗުން ވިޔަރެއާލް މޮޅުވާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރި ނަމަވެސް މެޗްގެ 83 ވަނަ މިނެޓްގައި ރޮބިން ގޮސެންސް ޖަހައިދިން ލަނޑުން މިމެޗްގެ ނަތީޖާ އެޓަލާންޓާއިން އެއްވަރުކުރިއެވެ. އަދި އޭގެ އެއްމިނެޓް ފަހުން ވިޔަރެއާލްގެ ފްރޭންސިސް ކޮކުލިން ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލާފައެވެ.

މިނަތީޖާއާއެކު މިދެޓީމު ވެސް މިވަނީ މިފަހަރުގެ ޗެމްޕިއަންސް ލިގުގެ ފެށުން ބަލިނުވެ ފަރުޖައްސާލާފައެވެ. އެހެންކަމުން މިދެޓީމް މިހާރު އުޅެނީ ގްރޫޕް އެފްގެ ދެވަނަ އަދި ތިންވަނައިގައެވެ. މިގްރޫޕްގެ އެއްވަނައިގައި އެންމެން ހައިރާން ކޮށްލުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް އުޅެނީ ޔަންގް ބޯއިސްއެވެ.