ޚަބަރު

އިންސާނީ ޙައްޤުތަކާއިގުޅޭ މައްސަލަތައް ހުށައެޅޭ މިންވަރު އިތުރު


އިންސާނީ ޙައްޤުތަކާމެދު ރާއްޖޭގެ ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުންހާމަވަމުންއަންނަކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ވިދާޅުވެއްޖެ.އިންސާނީ ޙައްޤުތަކުގެ ވަހާކަ  ރާއްޖޭގައި އާއްމު ގޮތެއްގައި ދައްކަންފަށާފައިވަނީ 2003 ވަނައަހަރުގެ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހު،  މިނިވަން މުސްތަގިއްލު ކޮމިޝަނެއް ގެގޮތުގައި ރައީސުލްޖުމްހުރިއްޔާގެ ޤަރާރަކުން  އުފެދެވި،  ''ހިޔުމަންރައިޓްސް ކޮމިޝަން'' ވުޖޫދަށް އައުމާގުޅިގެންނެވެ.ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަން ފެށިފަހުން ފާއިތުވެދިޔަ  12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިންސާނީ ޙައްޤުތަކާމެދު  ރާއްޖޭގެ ގިނަ ބަޔަކު މިކަމަށް ޙޭލުންތެރިވެފައިވާ ކަން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައްކަށް ބަލާލުމުން ހާމަވަމުން އަންނަ ކަމަށް  ތަފާސް ހިސާބުތަކުންދައްކައެވެ. ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން  ނޮވެމްބަރުގެ ނިޔަލަށް ދެހާހަށްވުރެ ގިނަ މައްސަލަ އެކި  ގޮތް ގޮތުން ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހެޅުނު ހޮޓްލައިން ނަމްބަރަށް އެމުއްދަތުގައި 1570 މައްސަލަހުށަހެޅިފައިވެއެވެ. އަދި އެހެނިހެން ގޮތްގޮތަށް 529 މައްސަލަ ހުށަހެޅިފައިވާކަމަށް ތަފާސްހިސާބުން ހާމަވެއެވެ.ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި  ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު އާއިޝަތު އަފްރީން ވިދާޅުވީ، އެކޮމިޝަނަށް ހުށައެޅޭ މައްސަލަތަކުގެ ތެރޭގައި  ސިޔާސީ، މަދަނީ ޙައްޤުތަކުން މަޙްރޫމް ވެގެން ހުށަހަޅާ މައްސަލަތަކާއި، ތަޢުލީމީ ޙައްޤުން ދަރިވަރުން މަޙްރޫމް ވެގެން ހުށަހެޅޭ މައްސަލަތަކާއި، ސިއްޙީ ޚިދުމަތް ދިނުމުގައި ލަސްތަކެއް ދިމާވެގެން ހުށަހަޅާ މައްސަލަތައް ހިމެނޭކަމަށެވެ.ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވީ، މިދާއިރާގައި ފާހަގަކުރެވޭ ފަދަ މަސައްކަތްތަކެއް ކުރިވެފައިވާ ކަމަށް  ޤަބޫލު ކުރައްވާކަމުގައެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި ރާއްޖޭގެ އަންހެނުންގެ ޙާލަތު ވަޒަންކުރުމަށް ހައްލުހޯދެން ހުރި ކަންތައްތަކަށް ޙައްލު ހޯދުމަށް  ޤައުމީ ފެންވަރުގަޔާއި ދުނިޔޭގެ ފެންވަރުގައި ބާއްވާ ބޮޑެތި ބައްދަލުވުންތަކާއި ބައިނަލްއަޤްވާމީ މުއާހަދާތަކުގައި  ރާއްޖެ މުހިއްމު ދައުރެއް އަދާކުރައްވަމުންގެންދަވާކަމުގައެވެ. އަދި ރާއްޖޭގައި، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުންް ބައިތިއްބާފައިވާ 11 ތަނަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ޙާލަތު ބައްލަވާފައިވާ ކަމަށް އެޗްއާރްސީއިމް އިން ވިދާޅުވެއެވެ.އެޗްއާރްސީއެމްގެ މެންބަރު މޫސާ އަލީ ކަލޭފާނު ވިދާޅުވީ، ރާއްޖޭގެ ގިނަ ބަޔަކު މިދާއިރާއަށް ޙޭލުންތެރިވެފައިވާ ކަން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަަކަށް ބަލާލުމުން ހާމަވާ ކަމަށެވެ. ހިޔުމަންރައިޓްކޮމިޝަނުން ވަނީ  އިންސާނީ ޙައްޤަށް ޙޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހޭލުންތެރެިކަމުގެ ތަފާތު ޙަރަކާތްތައް ސްކޫލްތަކާއި އާއްމުންށް އަމާޒްކޮށް ހިނގާފައެވެ. މިއީ ކާމިޔާބު މަސައްކަތެއްކަމަށް އެކޮމިޝަނުން ފާހަގަ ކުރައްވައެވެ. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުޤެ ދުވަސް ފާހަގަކުރަމުން ދަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.