ޚަބަރު

އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސްއަށް ހުށަހަޅައިފި


މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އުފެއްދުމަށްޓަކައި އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނަށް އެމްއެންޕީ އުފެއްދުމަށް ފޯމް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، ވާހަކަ ދައްކަވަމުން އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް މުހައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުކަމަށެވެ. އަދި މިވީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 5،000 އަށްވުރެ ގިނަ މެމްބަރުން އެމްއެންޕީއާއި ގުޅުނުކަމީ އެޕާޓީއާއިމެދު ރައްޔިތުން ކުރާ އުންމީދު ހާމަވެގެންދާ ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީން މަސައްކަތް ކުރާނީ ޑިމޮކްރަޓިކް އުސޫލުން، ޑިމޮކްރަސީގެ ރީތި މަގުން މަސައްކަތް ކުރުމަށްކަމަށެވެ. އެގޮތުން ޕާޓީގެ މަޤާމުތަކަށް މެމްބަރުން ކަނޑައަޅާނީ އިންތިޚާބު ކޮށްގެންކަމަށާއި އަދި ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ޚިޔާލު ފާޅުކުރުމަށް އެޕާޓީން ހުރަސް ނާޅުއްވާނެކަމަށެވެ.

އެމްއެންޕީއާއި އުފެއްދުމާއި ހަމައަށް އެޕާޓީއާއިއެކު މަސައްކަތްކުރި، މެމްބަރު މުހައްމަދު ނަޝީދާއި، މެމްބަރު އަބްދުލް މުހުސިން ހަމީދު އެމްއެންޕީއާ ގުޅުން މަޑު ޖައްސާލަން ނިންމި ނިންމުމާއި ގުޅިގެން ނާޒިމް ވިދާޅުވީ ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ އަމިއްލަ ވިސްނުމުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެމްއެންޕީގައި އޮންނާނެކަމަށެވެ. އަދި އެ ދެ މެންބަރުން މިވަގުތަށް ސޮއިނުކުރި ނަމަވެސް ވަރަށް އަވަހަށް ޕާޓީއާއި ގުޅޭނެކަމަށް އުންމީދުކުރައްވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވާ އުފައްދަވާ އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ.

އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައެވެ. އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ.