ޚަބަރު

ރާއްޖޭގެ ޑްރަގުގެ ހާލަތު: 8 އަހަރުގެ ކުދިންވެސް ވަނީ ޑްރަގުގެ ވަބާގައި ޖެހިފައި


ރާއްޖޭގެ ޑްރަގުގެ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ހާލެއްގައި ކަމަށާއި، ޑްރަގުގެ ވަބާގައި 8 އަހަރުގެ ކުދިންވެސް ޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ ރީސްޓްރަކްޗަރކުރުމާއި، ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތުގެ ފަރާތުން މަޖިލީހަށް ވަނީ ވަރަށް ތަފްސީލީ ޕްރެޒެންޓޭޝަނެއް މިއަދު ހުށަހަޅާފައެވެ.

ޕްރެޒެންޓޭޝަން ހުށަހެޅުގެ ކުރިން ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ޑަރަގްގެ ވަބާއިން ސަލާމަތްވުމަށް މިހާތަނަށް އެކަށީގެންވާވަރާއި ގާތަށްވެސް މަސައްކަތް ކުރެވިފައި ނުވާކަމަށެވެ. ނަމަވެސް މިސަރުކާރުން ނެޝަނަލް ޑްރަގް އެޖެންސީ ދަށުން މިހާރު ފަށާފައިވާ މަސައްކަތުން މައްސަލަތައް ދެނެގަނެވި، މިހާރު ރާއްޖޭގައި ޑްރަގުގެ ނުރައްކާ އޮތް މިންވަރާއި، ހާލަތު ދެނެގަނެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕްރެޒެންޓެޝަން ހުށަހަޅުއްވަމުން، ހެލްތު މިނިސްޓަރުގެ ނައިބު ސަފިއްޔާ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގައި ޑްރަގުގެ ވަބާގައި ޖެހެމުންދާ މީހުންގެ އުމުރު ފުރާއާއި، ޑްރަގް އެތެރެކުރާ މިންވަރާއި، ގޮތްތަކަށް ބަލާއިރުވެސް ވަރަށް ބޮޑަށް ތަފާތުވެފައިވާކަމަށެވެ. އަދި ފާއިތުވެދިޔަ 2014 ވަނަ އަހަރަށް ބަލާއިރު ޑްރަގުގެ ވަބާގައި ޖެހިފައިވާ މީހުންގެ އުމުރަކީ 22 އާއި 37 އަހަރާއި ދެމެދު ކަމަށާއި ނަމަވެސް މިއަހަރު އުމުރު ފުރާއަށް ބަލާއިރު 17 އަަހަރާއި 68 އަހަރާއި ދެމެދު މީހުން މި ވަބާގައި ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސަފިއްޔާ ވިދާޅުވީ މިހާރު ރާއްޖޭގައި ވަރަށް ކުޑަކުދިންވެސް މިވަބާގައި ޖެހިފައިވާކަމަށާއި އެގޮތުން 8 އަހަރުގެ ކުދިންވެސް މި ވަބާގައި މިހާރު ޖެހިފައިވާކަމަށެވެ. އަދި ރާއްޖެއަށް ޑްރަގް އެތެރެ ކުރުމުގައި ޒަމާނީ އުކުޅުތަކާއިއެކު މެއިލް މެދުވެރިކޮށްވެސް ޑްރަގު އެތެރެކުރަމުންދާކަމަށާއި ރާއްޖެއަށް ޑްރަގު އެތެރެކުރުމުގައި މައިގަނޑު ގޮތެއްގައި ހަރަކަތްތެރިވަނީ ދިވެހިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޑްރަގުގެ ވަބާ އޮތް މިންވަރުން ހާލަތު ބަދަލު ކުރުމަށް ކުރެވޭ މަސައްކަތަކީ މުޅި ރާއްޖޭގައި ވަރަށް ފުޅާކޮށް ހިންގުމަށް ނިންމާފައިވާ މަސައްކަތެއްކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. މިމަސައްކަތުގައި ޖަލުތަކުގައާއި، އަތޮޅުތެރޭގެ ރަށްތަކުގައިވެސް ޚާއްސަ ޕްރޮގުރާމުތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ވަނީ، މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ބޭނުންވާ މީހުންނަށް އެހީވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ޓީމްތަކެއް ނެގުމަށް ނިންމާފައެވެ. މި ޓީމްތަކަކީ މުޖުތަމަޢާ ގާތުން، އަދި މިފަދަ ވަބާތަކަށް ހުށައެޅުމުގެ ކުރިންވެސް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ޓްރެއިންކުރާ ޓީމްތަކެކެވެ. މި މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ދަނީ ހެލްތު މިނިސްޓްރީން ކުރިއަށްގެންދަމުންނެވެ.