ޚަބަރު

ވޯޓަކަށް ނުގޮސް އެމްޑީޕީގެ ދާއިރާތަކަށް ކުރިމަތިލެއްވި 165 ކެނޑިޑޭޓަކު ހޮވިއްޖެ


މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ކުރިން ވޯޓަކާއި ނުލައި 165 ކެނޑިޑޭޓަކު ހޮވިއްޖެއެވެ.

މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން 165 ކެނޑިޑޭޓަކު ހޮވިފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް މީހުން ކުރިމަތިލުމުންނެވެ. އެމްޑީޕީގެ އިންތިޚާބާއި ބެހޭ ޤަވާއިދު ބުނާގޮތުން ޤައުމީ މަޖިލިސް އިންތިޚާބުގައި ކުރިމަތިލާ ދާއިރާތަކަށް ހޮވަންޖެހޭ އަދަދަށް ކުރިމަތިލައިފިނަމަ އެކެނޑިޑޭޓަކު ވޯޓަކާއި ނުލައި އިންތިޚާބު ކުރެވިގެންދާނެއެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޝަރުތު ހަމަވަނީ 93،165 މީހުންނެވެ. މިލިސްޓަށް ޝަކުވާއަށް ހުޅުވާލުމުން ހުށަހެޅުނު ޝަކުވާއަށް ބަލައި 940 މީހަކަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި މިލިސްޓުން 918 މީހަކަށް އިންތިޚާބުގައި ވޯޓު ނުލެވޭނެކަމަށް ވަނީ ނިންމާފައެވެ.

މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށްވާއިރު، އިންތިޚާބުގައި 300 ވޯޓު ފޮށި އެކި ދާއިރާތަކުގައި ބެހެއްޓިގެންދާނެއެވެ. މިއިންތިޚާބުގައި 900 އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އޮފިޝަލުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންކަމަށް އެމްޑީޕީން ބުނެއެވެ.