ވިޔަފާރި

ގޭމްގެ އަހަރީ އާއްމު ޖަލްސާ މިމަހު 18ގައި


ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ގޭމްގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރުދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ އޮންނަނީ ހޮނިހިރު ދުވަހުގެ ހެނދުނު 11:45 ގައި މާފުށީ ކާނި ގްރޭންޑް ސީވިއު ގެސްޓްހައުސްގައެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ އެ ޖަމިއްޔާގެ މެންބަރުންނަށް އޭޖީއެމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އޭޖީއެމްގައި ބައިވެރިވާން ބޭނުންވާ މެންބަރުން ހުކުރު ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރަން ޖެހޭނެކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އަހަރީ އާންމު ޖަލްސާގައި ގޭމްއަށް 3 ބޯޑު މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގެސްޓްހައުސް އެސޯސިއޭޝަން ރީބްރޭންޑް ކުރުމަށް އާރުއެސްޕީގައި ސޮއިކުރުމުގެ ކަންކަންވެސް އަހަރީ އާންމު ޖަލްސާގައި އޮންނާނެކަމަށް ގޭމްއިން ބުނެއެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކީވެސް ކޯވިޑް19ގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށް ގޭމްއިން ވަނީ ބުނެފައެވެ.