ވިޔަފާރި

ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ޒިޔާރަތްކުރައްވަނީ


ޔުނައިޓްޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން، ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވީލި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ނިންމަވައިފިއެވެ.

ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވީލި ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، އޮކްޓޯބަރުމަހު 5 އިން 8 ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ 15 ވަނަ އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޔުނައިޓްޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން، ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ޒިޔާރަތް ކުރައްވާނެކަމަށް ހާމަކުރައްވާފައިވަނީ ވަރޗުއަލްކޮށް ބޭއްވި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ 33 ވަނަ ޖޮއިންޓް ކޮމިޝަން ފޮރ އޭޝިއާ ޕެސިފިކް އަދި ކޮމިޝަން ފޮރ ސައުތު އޭޝިއާގެ މީޓިންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސައުތު އޭޝިއާ އަދި އޭޝިއާ ޕެސިފިކްގެ 29 ޤައުމަކުން ބައިވެރިވި މިބައްދަލުވުމުގައި އެޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިޔާސަތުތަކާއި އެޤައުމުތަކުން ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތައް ވަނީ ޙިއްސާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެފިލިއޭޓް މެންބަރުންނާއި ޕާޓްނަރުންގެ ގޮތުގައި ހިމެނޭ ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް، ޖާ.ޓާ އަދި ޖަޕާން ޓޫރިސްޓް ބިއުރޯ، ޖޭ.ޓީ.ބީ އިން ވަނީ ކޯވިޑް-19 އިން އަރައިގަތުމަށްޓަކައި ޕްރައިވެޓް- ޕަބްލިކް ޕާޓްނަރޝިޕްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިބައްދަލުވުން ޗެއަރ ކުރަށްވާފައިވަނީ މެލޭޝިއާގެ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޒަމްރީ މަތު ޒައިން އަދި ކޯ-ޗެއަރ ކުރަށްވާފައިވަނީ ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުالله މަޢުޞޫމްއެވެ.