ޚަބަރު

މުހުސިންއާއި ނަޝީދު އެމްއެންޕީއަށް ސޮއިކުރުން މަޑުޖައްސާލައިފި


މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި އުފެއްދުމަށް މަސައްކަތްކުރާ ޕާޓީއަށް ސޮއިކުރުން މަޑުޖައްސާލަން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދުއާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދެބޭފުޅުންނަކީ އެމްއެންޕީ އުފެއްދުމަށްޓަކައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުންދިޔަ ދެބޭފުޅުންނެވެ. ޕާޓީ އުފެއްދުމަށްޓަކައި މިއަދު އިލެކްޝަނަށް ފޯމް ހުށަހަޅަން ހަމަޖެހިފަިއވާއިރު، މި ދެމްމަބަރުން އެމްއެންޕީއަށް ސޮއިކުރުން މަޑު ޖައްސާލިކަން ހާމަކޮށްފައިވަނީ ރޭގައެވެ. ނަމަވެސް ޕާޓީއަށް ސޮއިނުކުރަން ނިންމީ ކޮން ސަބަބަކާއި ހެދިކަމެއް މިދެބޭފުޅުން ވިދާޅުވެފައި ނުވެއެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު ވިދާޅުވީ، ސިޔާސީ މައިދާނުގައި ކުރިއަށްދެވޭނީ ސިޔާސީ ގޮތުން ޤައުމު އޮތް ގޮތް ގަބޫލު ކޮށްގެންކަމަށެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައީސް ޔާމީނާއި، ޤާސިމް އިބްރާހިމްއަށް ފާޑުކިޔައި ޒާތީ ގޮތުން ދިމާކުރުމަކީ ސިޔާސީ ގޮތުން އެއްވެސް ބަޔަކަށް ކުރިއަށްދެވޭނެ ގޮތެއް ނޫންކަމަށް މުހުސިން ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވާ އުފައްދަވާ އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ.

އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައެވެ. އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ.