ޚަބަރު

ތިމާވެށީގެ މައްސަލަތަކުގައި ޤައުމުތައް އެކަތިގަނޑަކަށް ހެދުމަކީ އަމާޒެއް - ޝާހިދު


ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢު އެއްގަލަކަށް އެރުވުމަކީ ވަރަށްބޮޑު އަމާޒެއްކަމަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތާ ޙަވާލުވެވަޑައިގަތުމުންގެ ކުރިން އދ.އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވީ އދ.ގެ ޢާއްމު މަޖިލީހަކީ މުޅި ދުނިޔޭގައިވެސް 193 ޤައުމު ތަމްސީލުކޮށް ދުނިޔެއާއި ޤައުމުތަކާއި ގުޅުންހުރި މުހިއްމު ނިންމުން ނިންމާ ހަމައެކަނި މައިދާންކަމަށެވެ. އެގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށްވެސް ބަސްބުނުމުގެ ޙައްގު ލިބި ބައިނަލްއަޤުވާމީ ނިންމުންތަކުގައި ބައިވެރިވުމަށް ލިބޭ ހަމައެކަނި ފުރުސަތުގެ ގޮތުގައި ފޮރިންގ މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ޤައުމުތަކާއި ގުޅުންހުރިކަންކަމުގައި އެމަނިކުފާނުގެ ރިޔާސަތުގައި ޚާއްސަ އިސްކަމެއް ދެއްވާނެކަން މިނިސްޓަރ ޝާހިދުވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ތިމަވެށީގެ މައްސަލަތައް ޙައްލުކުރުމުގައި މިހާރު ފެންނަމުންދާ ދުރުހެލިކަމާއި ޤައުމުތަކުގެ ޝައުގުވެރިކަން ނުލިބޭ މައްސަލަ ޙައްލުކޮށް މިކަމުގައި ޤައުމުތައް އެކަތިގަނޑަކަށް އެރުވުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށެވެ.

އަދި އިންސާނިއްޔަތަށްޓަކާ އެކި ފަންތީގައި ތެދުވުމަށްވެސް ބާރުއަޅުއްވާނެކަމަށް މިނިސްޓަރ ޝާހިދުވިދާޅުވިއެވެ. މިކަމުގެ އެންމެ ބޮޑު ފިލާވަޅެއް ލިބިގެންދިޔައީ ކޯވިޑް-19ގެ ތެރޭގައި އަމިއްލަ ރައްކާތެރިކަން ޤުރުބާންކޮށް ޤައުމާއި ދުނިޔެއަށްޓަކާ ތެދުވިކަމާއި އިޚްލާސްތެރިކަމާއެކު އިސްސަފުގައި ޙަރަކާތްތެރިވި މަސައްކަތްތެރިންގެ ފަރާތުންކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތާ އެމަނިކުފާނު މިރޭ ޙަވާލުވެވަޑައިގަންނަވާއިރު އެމަނިކުފާނުގެ ރިޔާސަތުގައި ޚާއްސަ އިސްކަމެއް ދެއްވާނެ 5 ކަމެއް މިނިސްޓަރ ޝާހިދުވަނީ މީގެކުރިން ހާމަކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަކަމެއްގެ ގޮތުގައި ކޯވިޑުން އަރައިގަތުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި ތިމާވެއްޓަށް ކުރިމަތިވަމުން އަންނަ ނުރައްކަލާމެދު އަވަސް ފިޔަވަޅުތަކެއް އެޅުމާއި އިންސާނީ ޙައްގުތައް ޙިމާޔަތްކޮށް މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ބާރުއެޅުމާއި އދ.އަށް އިސްލާޙީ ހެޔޮ ބަދަލުތަކެއް ގެނައުމަށް މާނަހުރި މަސައްކަތްތަކެއް ކުރެއްވުމަށްވެސް މިނިސްޓަރ ޝާހިދުވަނީ ނިންމަވާފައެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތާ ޙަވާޅުވާއިރު މިދައުރަކީ އުއްމީދީ ދައުރެއްގެ ގޮތުގައި އދ.އިން ފާހަގަކުރައްވައެވެ. އެގޮތުން ކުރިއަށް އެއް އަހަރުގެ ތެރޭގައި ދުނިޔެގެ 193 ޤައުމު ބައިވެރިވާ އެންމެ ބޮޑު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަމުންގެންދަވާނީ ދިވެހިރާއްޖޭގެ ފަރާތުން ޢަބްދުﷲ ޝާހިދެވެ.