ޚަބަރު

އެޗްއާރުސީއެމް މެމްބަރުކަމަށް ސަމާއު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަޤާމަށް ގދ. ތިނަދޫ / އަސާގެ، އަލް އުސްތާޛާ ސަމާއު އަހުމަދު ނަޖީބު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމްގެ ހުސްވެފައިވާ މެމްބަރުކަމަށް ސަމާއު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 42 މެމްބަރުންގެ ވޯޓުންނެވެ. އެޗްއާރުސީއެމްގެ ހުސްވެފައިވާ މެމްބަރުކަމަށް ހުޅުވާލި ފުރުސަތުގައި 14 ބޭފުޅަކުވަނީ ކުރިމަތިލާފައެވެ. އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ތަރުތީބުން މަޖިލީހަށް ނަންތައް ފޮނުވައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވަނީ މީގެ ތެރެއިން 11 ބޭފުޅުންނާއި އިންޓަރވިއު ކޮށްފައެވެ.

ކޮމިޓީއަށް ހާޒިރުވި ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރަން ރުހުން ދޭން ނިންމީ ސަމާއުއަށެވެ. އޭނާއަށް ޖުމްލަ ނުވަ މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވިއެވެ.

އެޗްއާރުސީއެމް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ. މިވަގުތު އެކޮމިޝަންގައި ތިއްބެވީ 4 މެންބަރުންނެވެ. މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމުގައި ތިއްބެވީ އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މުއުމިނާ ވަޙީދާއި، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲގެ އިތުރުން މަރިޔަމް މުނާއެވެ.