ޚަބަރު

ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވާން އަންނަމަހު ހުޅުވާލަނީ


ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޕޯޓަލްގައި ރަޖިސްޓްރީވުމަށް އަންނަ މަހު ހުޅުވާލުމަށް ނިންމައިފިއެވެ. ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރުގެ ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭ ވާރޗުއަލްކޮށެވެ.

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މިމުބާރާތުގެ ޤަވާއިދު އެ މަރުކަޒުން މިހާރު ވަނީ ގެޒެޓްކޮށްފައެވެ.

މި ޤަވާއިދުގައިވާ ގޮތުން މިމުބާރާތުގައި ބައިވެރިވެވެނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއެއްގައި ރަޖިސްޓްރީވުމަށް ފަހުގައެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުންނާއި މުއައްސަސާތަކުންވެސް މި ޕޯޓަލްގައި ރަޖިސްޓްރީ ކުރަންޖެހެއެވެ. ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ އަންނަ މަހުގެ 14 އިން 18 އަށް މުއައްސަސާތަކަށް މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް ހުޅުވާލާނެކަމަށެވެ. އަދި ވަކި ވަކި ބައިވެރިން ޕޯޓަލްގައި ރަޖިސްޓްރީވުމަށް އަންނަމަހުގެ 20 އިން 26 ފުރުޞަތު ހުޅުވާލާނެކަމަށެވެ.

މިއަހަރުގެ މުބާރާތްވެސް ކުރިއަށްދަނީ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އަދި މިމުބާރާތުގައިވެސް 3 ބައެއް ވަނީ ހިމަނާފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބަޔާއި ހާފިޒުންގެ ބައެވެ. އަދި މުބާރާތުގައި ބައިވެރިވާ މީހުންނަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްބަޔެއްގައި ކަމަށް ކީރީތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. މި މުބާރާތުގައި އަތޮޅު ކައުންސިލުން ބައިވެރިކުރެވޭނީ 15 މީހުންނެވެ. ގްރޭޓަރ މާލެ ސަރަހައްދުގެ ސްކޫލްތަކުން ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބައިގައި ޖުމްލަ 15 ކުދިން ބައިވެރިކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނުބަލައި ކިޔެވުމުގެ ބައިން ބައިވެރިކުރާ 5 ދަރިވަރުންނާއި ބަލައިގެން ކިޔެވުމުގެ ބައިގައި ބައިވެރިކުރާ 10 ދަރިވަރުންނެވެ. އަދި ޖަމިއްޔާތަކާއި ކޮލެޖްތަކުންވެސް މުބާރާތުގައި 15 މެމްބަރުން ބައިވެރިކުރެވޭނެއެވެ. ހާފިޘުންގެ ބައިގައި ބައިވެރިކުރުވުމުގެ ވަކި އަދަދެއް ކަނޑައަޅާފައެއްނުވެއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށްވެސް ކަނޑައެޅިފައިވާ އުމުރުފުރާތަކުގައި ބައިވެރިވެވޭނެ ކަމަށާއި ބައިވެރިވާއިރު ރާއްޖެއިން ބޭރުގައި އުޅޭކަމުގެ ރަސްމީ ލިޔުމެއް ހުށައަޅަން ޖެހޭނެކަމަށެވެ.

މިއަހަރުގެ މުބާރާތް އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާއިރު ބަލައިގެން ކިޔަވާ ބައިގައި ބައިވެރިވާ ފަރާތްތަކަށް ވީޑިއޯ ހުށައެޅުމަށް ހުޅުވާލާނީ ނޮވެމްބަރު މަހުގެ 15 އިން 28 ވަނަ ދުވަހުގެ ނިޔަލެށެވެ. އަދި ނުބަލައި ކިޔެވުމުގެ ބައި ވަގުތުން ސުވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާތީ އެބައި ކުރިއަށްގެންދަނީ ޑިސެމްބަރުމަހުގެ 19 އިން 25 ވަނަ ދުވަހަށް ކަމަށް
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.

މިމުބާރާތުގައިވެސް ކޮންމެ ބަޔަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް މުޅި މުބާރާތުން އެއްވަނަ، ދެވަނަ ތިންވަނަ ހޮވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ.